ފިނިޕޭޖް

މީ ލޯތްބަކީ: ފޫހިނުކޮށްލި ލޯތްބެއް

ޑާކްރެއިން އެންޓަޓެއިންމަންޓަކީ މިއަދު ދިވެހި އޯޑިއެންސްގެ އިތުބާރު ހޯދާފައިވާ ގިނަ ފިލްމުތަކެއް ގެނެސްދޭ ސްޓޫޑިއޯއެކެވެ. މަރުވަމުން ދިޔަ ފިލްމީ ދާއިރާ ނަގައި އަލުން ކޮޅަށް ޖެހުމުގެ އެންމެ ބުރަ މަސައްކަތެއް ކުރި ބައެކެވެ. އެ ސްޓޫޑިއޯގެ ފިލްމުތަކަށް ޓްރެއިލާ ނުބެލި ނަމަވެސް ރީތިވާނެ ކަމުގެ ޔަގީންކަން އޮވެ އެވެ. ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ)ގެ ހުނަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ދާއިރާއަށް އާ ތަރިން ނެރެ ދޫކޮށްލަނީ ހުނަރާ އެކުގަ އެވެ.

މި މަހު ފަސް ވަނަ ދުވަހު ރިލީޒްކޮށްފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "މީ ލޯތްބަކީ" އަކީ ވެސް އެކަމަށް ބާރު ދޭނެ ހެއްކެކެވެ. އެކަން ރޭގައި އޮލިމްފަހުގައި އެޅުވި "މީ ލޯތްބަކީ" ބަލަން ގޮސް ތިބި އޯޑިއަންސަަށް ބަލައިލީމަވެސް އެނގެ އެވެ. މިމަހުގެ ފަސް ވަނަ ދުވަހުގެ ހައުސްފުލް ކޮށް ޕްރީމިއާ ކުރުމަށްފަހު ކޮންމެ ޝޯއެއްވެސް ދައްކަމުން ދިޔައީ ހައުސްފުލްކޮށެވެ. ރޭގައިވެސް އޮލިމްޕަހުގައި ހުސް އެންމެ ގޮނޑިއެއްވެސް ނެތެވެ. ގިނައީ ޒުވާނުންނެވެ.

މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ޕްރޮޑިސްކޮށް އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ. އަދި ޗިއްޕެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފީޗާ ފިލްމެއްގައި މިހާތަނަށް އެންމެ ބޮޑު ކާސްޓާއެކު އުފައްދާފައިވާ ފިލްމެވެ. އަދި މިއީ ދެ ގަޑިއިރާ 59 މިނެޓް 31 ސިކުންތުގެ ދިގު މިނަށް ފައްތާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

މެއިން ކާސްޓް އަދި ޕްރޮޑަކްޝަން ޓީމު:

  • މުހައްމަދު ޖުމައްޔިލް - އިޝާން
  • މަރިޔަމް އައްޒަ - ލަމް
  • ޝާފިއު އިބްރާހިމް (ފުބޫ) - ސިޑް
  • އިބްރާހިމް އަމާން - ގޯގޯ
  • ސަމާހަތު ރާޒީ މުހައްމަދު (ސަމާ) - ނަޝް
  • މަރިޔަމް ސާޖިޔަތު (ސާޔާ) - ލިއުޝާ
  • ސާޖިނާ ޝާހީން - އަސްމާ
  • އަހްމަދު ސުނީ - ދޮންބެ
  • އަލީ ޝަޒްލީމް - ތުއްތޮން
  • އައިމިނަތު ނޫރާ - ޝަޒޫ
  • މުހައްމަދު ފައިސަލް - އިމްރާން
  • އާދަމް ރިޒްވީ - އިއްބެ
  • ސްކްރީން ޕްލޭ އަދި ޑައިރެކްޓު ކުރީ: އަލީ ޝިފާއު
  • ޕްރޮޑިއުސްކުރީ: މުހައްމަދު އަލީ އަދި އައިޝަތު ފުއާދު
  • ސްޓޫޑިއޯ: ޑާކްރެއިން އެންޓަޓެއިންމަންޓް
  • ފިލްމުގެ ދިގުމިން: ދެ ގަޑިއިރު 59 މިނެޓް 31 ސިކުންތު

ސްޕޮއިލާ އެލާޓް

މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ފެށިގެން އަންނަ އިރު އިޝާން (ޖުމައްޔިލް) އަދި ލަމް (އައްޒަ) އަކީ ލޯބީގެ ގޮތުން ގުޅިގެން ނުވަތަ ރައްޓެހިވެގެން އުޅޭ ދެ މީހުންނެވެ. ނޫސްވެރިއެއްގެ ގޮތުގައި ބިޒީ ލައިފެއް ލަމް އުޅުނު ނަމަވެސް ލޯބިން އުޅުނު ދެ މީހުންނެވެ. ދެ މީހުން ވަކިވެ އެންމެ ކުރިއެކޭ އެއްގޮތަށް ބެސްޓް ފްރެންޑުންނަށް ބަދަލުވަނީ އިޝާން އަށް ތިން އަހަރު ދުވަހުގެ ކޯހެއް ޔޫކޭ އިން ލިބުމުން "ލޯންގް ޑިސްޓެންސް" ރިލޭޝަންޝިޕަކަށް "ކޮމިޓް"ވާން އިޝާން ބޭނުން ނުވުމުންނެވެ.

އިޝާން ދެކެ ކިތަންމެ ލޯބިވީ ނަމަވެސް އެކަން ފޮރުވާލާ ލަމް އަދި އިޝާންގެ އަނެއް ތިން އެކުވެރިން ކަމަށްވާ ގޯގޯ (އަމަން)، ސިޑް(ފުބޫ) އަދި ލިއުޝާ (ސާޔާ)ގެ ނަސޭހަތާއެކު އެންމެ ފަހުން ލަމް އިޝާން ދޫކޮށްލާ އެކުވެރިކަން އިހުތިޔާރު ކުރެ އެވެ. އަދި އިޝާން ފުރުމުން ސައިފް ކިޔާ މީހަކާ ރައްޓެހިވި ކަމަށް ބުނެ ދޮގު ހަދަ އެވެ. ތިން އަހަރުގެ ކޯހަކަށް ދިއުމަށްފަހު ލިބުނު އެއްވެސް ޗުއްޓީއެއްގައި އިޝާން މާލެއެއް ނާދެ އެވެ. އޭގެ ބަދަލުގައި ޔޫރަޕް އެކްސްޕްލޯ ކުރުމުގައި ވަގުތުތައް ހޭދަ ކުރެ އެވެ. އިޝާންގެ ހިޔާލުތަކާއި ދުރުވެ "މޫވް އޮން" ކުރަން ލަމް މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުލިބެ އެވެ.

ތިން އަހަރު ފަހުން އިޝާން އެނބުރި އަންނަނީ ލަމްގެ އުފަން ދުވަހު ސިޑް، ގޯގޯ އަދި ލިއު ބާއްވާ ކެއުމެއްގައި ތިއްބަ އެވެ. އެންމެންނަށް ސަޕްރައިޒެއް ދިނުމަށްފަހު އިޝާން އެ އެންމެނަށް އޭނާގެ ކައިވެނީގެ ހަބަރާއެކު ޝޮކެއް ދެ އެވެ. އެންމެ ބޮޑު ޝޮކެއް ލިބެނީ ލަމް އަށެވެ. އޭނަ އަށް ހީވަނީ ކަންފަތް ބުޑުގައި ބޮމެއް ގޮއްވާލާ ހެންނެވެ.

އެކަމުގެ ސަބަބުން އިޝާން އަށްޓަކައި އުފާވާން ބޭނުންވި ނަމަވެސް ލަމްގެ ހިތުގައި ހަސަދަ ވެރިކަން އުފެދެ އެވެ. އިޝާންގެ އާ ލޯބިވެރިޔާ ނަޝް (ސަމާހަތު) އާ އިޝާން އާ ދެމެދު މައްސަލަ ޖެހެން ލަމް ބޭނުންވެ އެވެ. އެގޮތުން އިޝާން ގަޔާވާ ކަންތައްތަކާއި ގުޅޭ ގޮތުން ނަޝް އަހާ ސުވާލުތަކަށް ލަމް މުޅިންވެސް ކިޔައިދެނީ އިދިކޮޅަށެވެ.

ނަޝްއަށް ލަމް ތައާރަފްކޮށްދީފައިވަނީ އިޝާންގެ ބެސްޓް ފްރެންޑުގެ ގޮތުގަ އެވެ. އެހެންކަމުން ނަޝްއަށް ލަމް އާއި އިޝާން އާ ދެމެދު އެއްވެސް އިރަކު ލޯބީގެ ގުޅުމެއް ހިނގާފައި އޮންނަ ކަމެއް ނޭނގެ އެވެ. އެކަން އޮތީ ސިއްރުވެފަ އެވެ. މަސްލަހަތަށް ކަމަށްވެސް ވެދާނެ އެވެ.

އިޝާން އާ ބެހޭގޮތުން ލަމް ކިޔައިދިން ދޮގު ވާހަކަތައް ގަބޫލުކޮށް ނަޝް ދޭ އެއްވެސް ސަޕްރައިޒެއް އިޝާން އަށް ކަމަކު ނުދެ އެވެ. އެކަން ނުދައްކާ ވޭތޯ ބެލުމަށް އިޝާން މަސައްކަތް ކުރި ނަމަވެސް ނަޝް އަށް އެކަން އިހުސާސް ކުރެވެ އެވެ. ނަޝްގެ ހިތުގައި ލަމްގެ މައްޗަށް ހަސަދަ އާއި ފޫހިކަން އުފެދިފައި ހުރި ނަމަވެސް އެކަން ނުދައްކާ ވޭތޯ ބެލުމަށް މަސައްކަތް ކުރެ އެވެ. އެކަމަކު ކައިވެނީގެ ރަން ކިޔަން އޮތް ރޭ ލަމްގެ ސަބަބުން އެ ރަސްމިއްޔާތަށް އިޝާން އަށް ނާދެވި ކެންސަލް ކުރަން ޖެހުމުން ނަޝްގެ ކެތްތެރިކަން ކޮޅުންލައިގެން ދަނީ އެވެ. އިޝާންގެ ދިރިއުޅުމުން ދުރަށްދާން ލަމް އަށް މަޖުބޫރުވެ އެވެ. މައްސަލަ އިތުރަށް ގޯސްވަނީ އެހާ ހިސާބުންނެވެ. -- މިބައި ދެން ކުރުކޮށްލާނަމެވެ. --

އޮޅުން ބޮޅުން ގަނޑެއް

މި ފިލްމު ކޮމެޑީއަކަށް ވާ ސަބަބަކީ މިއީ އެވެ. ފިލްމުގައި އުފެދޭ އޮޅުންބޮޅުން ގަނޑެވެ. ސިޑް އާއި ލިއު އަކީ ހަ އަހަރު ވަންދެން ރައްޓެހިވެގެން އުޅޭ ދެ މީހުން ނަމަވެސް ނަޝްގެ ދޮންބެ (ސުނީ) އަށް ލަމް އަކީ ސިޑްގެ އަންހެނުން ކަމަށް ބުނަން އިޝާން އަށް މަޖުބޫރުވެ އެވެ. އެއީ އިޝާންގެ ކޮޓަރިން ލަމް ނުކުންނަ މަންޒަރު ދޮންބެ އަށް ފެންނާތީ އެވެ. ދޮންބެ އަކީ ނަޝް ދެކެ އިންތިހާއަށް ލޯބިވާ ބޭބެ އެކެވެ. ނުފޫޒު އަދި ރުޅި ގަދަ މީހެކެވެ. އެހެންކަމުން ދޮގު ހަދަން އިޝާން އަށް މަޖުބޫރު ވަނީ އެވެ.

މިހާރު ވަރަށް ބޮޑަށް އޮޅިއްޖެ ދޯ އެވެ. ސާފުކޮށްލަ ދޭނަމެވެ. އިޝާން އުޅެނީ ގޯގޯ އަދި ސިޑް އާ އެކު ދެ ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. ގޯގޯ އަދި ސިޑް އެއް ކޮޓަރި ހިއްސާ ކުރާއިރު އިޝާން އުޅެނީ ވަކިން އަނެއް ކޮޓަރީގަ އެވެ. އެކޮޓަރިއަށް ލަމް ވަންނަނީ ފިލްމު ތަކެއް އަޅައިދޭން ވެގެންނެވެ.

މި އޮޅުންގަނޑުގެ ތެރޭގައި ދޮންބެ ހުއްޓާ ފެންނަނީ ސިޑް އާއި ލިއު އެކުގައި އުޅެނިކޮށެވެ. އަދި ލަމްވެސް އެކަމާއި އެއްޗެއް ނުބުނެ ހީ ސަމާސާ ކުރާތީ ދޮންބެއަށް އެމީހުން ސިފަ ކުރެވެނީ "ވާނުވާ" ނޭނގޭ ބައެއްގެ ގޮތުގަ އެވެ. ލިއު އަށް އެހެން ނޫޅުމަށް ނަސޭހަތް ދިނުމުން ލިއު އަށް މާނަ ކުރެވެނީ އެހެން ގޮތަކަށެވެ. އެއީ ދޮންބެ މީހަކާއި ނީނދެ ހުންނަ މީހަކަށްވެފައި ލިއުއާ ހިތާވަނީ ކަމަށެވެ.

މިކަހަލަ އެތައް މަޖާ އޮޅުންބޮޅުންތަކެއް ފިލްމުން ފެނިގެންދެ އެވެ. މި އޮޅުންބޮޅުން ތަކާހުރެ ފިލްމު ބަލާ ނިމުން އިރު ހުރީ ހީ ހީ ހަލާކުވާވަރު ވެފަ އެވެ. އެކަމަކު ލޯބީގައި ޖެހި، ހިތްހަލާކުވެފައިވާ މީހަކު މި ފިލްމު ބަލައިގެން ރޮވިވެސް ދާނެ އެވެ. މި މަޖާ އަދި ހިތްދަތި މަންޒަރުތައް އަމިއްލައަށް އޮލިމްޕަސްއަށް ގޮސް ބަލައިލާށެވެ. -- މިހައި ހިސާބުން ފިލްމުގެ ވާނުވާ ކިޔައިދިނުން ހުއްޓާލާނަމެވެ. --

އާ ތަރިންތަކެއް

ލީޑް ރޯލުން ފެނިގެން ދިޔަ އައްޒަ އަދި ޖުމައްޔިލް އަކީ މިހާރު މިދާއިރާގައި އެންމެ ބާރަށް ފިޔަޖަހައި ގަނެފައިވާ ދެ ތަރިންނެވެ. މި ފިލްމާއެކު އައްޒަގެ މަގުބޫލުކަން ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރަށްވުރެ އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު "4426" ގައި އައްޒަ ދައްކާފައިވާ އެކްޓިން މާބޮޑަށްވެސް ފުރިހަމަ އެވެ. ޖުމައްޔިލްގެ އެކްޓިން އިންވެސް މާބޮޑު އިމްޕްރޫވްމަންޓެއް ނުފެނެ އެވެ. "4426" އަދި "މަލިކާ" އިން ވެސް ފެނުނު އެކްޓިންއާ ގާތްގަނޑަކަށް އެއް ވަރެއްގެ އެކްޓިން އެކެވެ.

އެކަމަކު ފުބޫގެ ދެވަނަ ފިލްމަށް މި ފިލްމު ފުބޫގެ އެކްޓިން ހަމަ އެއްވަނަ އެވެ. އެންމެ ފުރަތަމަ ފުބޫ ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނސްދިން "ވާށޭ މަށާ އެކީ" އިންނެވެ. އެ ފިލްމުގައި ފުބޫ ފެނިގެން ދިޔައީ ވަރަށް ކުޑަ ކުޑަ ރޯލަކުންނެވެ. ފުބޫއަށް މި ދާއިރާގައި ކުރިއެރުން އެބަ އޮތެވެ. އޯވަ ރޯލްކޮށް ފިލްމުން ފެނިގެން ދިޔަ ހުރިހާ ތަރިންގެ އެކްޓިންވެސް ރަނގަޅެވެ. ހާއްސަ ފެނިލުމަކުން ފެނިގެން ދިޔަ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޔާމިން ރަޝީދުގެ އެކްޓިންވެސް ރަނގަޅެވެ.

ސަމާ، އަމަން، ސާޔާ އަދި ސާޖީ ފިލްމީ ދާއިރާއަށް މުޅިންވެސް އާ ތަރިންނެވެ. ނަމަވެސް މިއިން އެއްވެސް ތަރިއެއްގެ ފަރާތުން ފެނުނު އެކްޓިން އިން އާކަން އެނގުނު ނަމަވެސް އޮޑެއް ނޫނެވެ. ހާއްސަކޮށް ސަމާ އަދި އަމަން އެވެ. ނަޝް ގެ ރޯލު ފުދޭ ވަރަކަށް ބޮޑުވެސް މެ އެވެ.

ފިލްމުގެ ރޭވުންގަނޑު އަތުރާލާފައި އޮތީ ވަރަށް ފުރިހަމަ އަށެވެ. އެއަކަށް ކިޔާނެ ފާޑެއް ނެތެވެ. ނަމަވެސް ފިލްމުން ފާހަގަ ކުރެވުނު އެހެން ކަމެއް އެބަ އޮތެވެ. އެގޮތުން ބައެއް ސީން ތަކާއި ނުގުޅޭ ގޮތަށް މާ ގޮތްބޮޑުކޮށް ހެދުން އެޅުމާއި ސީން ތަކާއި ނުގުޅޭ ގޮތަށް މޭކަޕް ކޮށްފައި ހުންނަކަން ފާހަގަ ކުރެވެ އެވެ. ހާއްސަކޮށް އައްޒަގެ މޭކަޕާއި ހެދުން އެޅުން ސީންތަކާއި ނުގުޅޭ ގޮތެއް ހުއްޓެވެ.

އާންމުކޮށް މިހާރުގެ ދިވެހި ޒުވާނުންނަކީ ދިވެހި ބަހާއި އިނގިރޭސި ބަސް ވަރަށް ބޮޑަށް އެއްކޮށްލައިގެން ވާހަކަ ދައްކާ އުޅޭ ބައެކެވެ. މި ފިލްމުގައި ވެސް ގެނެސްދީފައި ހުރީ އެގޮތަށް އިނގިރޭސި ބަހާއި ދިވެހި ބަސް އެއްކޮށްލައިގެންނެވެ. ނަމަވެސް އެގޮތަށް ފިލްމު ތެރޭގައި ހުރުމުން ބޮލަށް އުނދަގޫވާ ކަހަލަ ގޮތެއް ހުއްޓެވެ. އަޅައިގަންނަ ވަރަށް ބައެއް ސީންތަކުން އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު އަޑުއަހަން އުނދަގޫވާ ވަރުވެ އެވެ.

އެހެން ނަމަވެސް މިއީވެސް ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫނެވެ. ރައްޓެހިންނާ އެކު ގޮސް ބަލާލަން މަޖާ ފިލްމަކަށް ވާނެ އެވެ. "މީ ލޯތްބަކީ" ބަލާފައި އެ ފިލްމް ދެކެ ހަމަ ގައިމު ވެސް ލޯބިވާނެ އެވެ. އެކަމުގެ ޔަގީންކަންދެމެ އެވެ. ސިނަމާއަށް ގޮސް ބަލާލާށެވެ.