ޑޮނަލްޑް ޓްރަމްޕް

ތާލިބާނުންނާ މަޝްވަރާ ކުރުމެއް ދެން ނޯންނާނެ: ޓްރަމްޕު

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރުގައި ގާއިމް ވެގެން އުޅޭ ތާލިބާނުންނާއެކު ދެން މަޝްވަރާ ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު މިހެން ވިދާޅުވީ، މަޝްވަރާގައި ތާލިބާނުން އެދުނު ގޮތަށް، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. ސިފައިން އަނބުރާ ގެންގޮސް ފިނަމަ ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ތާލިބާނުން ވަނީ ދީފަ އެވެ.

"ތާލިބާނުންނާ މަޝްވަރާ ކޮށްގެން ހަމަލާތައް ހުއްޓުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި. ކޮންމެ ދުވަހަކުހެން އެދަނީ ޓެރަރިސްޓް ހަމަލާތައް ދެމުން" ޓްރަމްޕު ވިދާޅުވި އެވެ.

ތާލިބާނުންގެ ހަމަލާއެއްގައި އެމެރިކާގެ ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ. ޓްރަމްޕު ވަނީ ތާލިބާނުންނާއެކު މަޝްވަރާކުރާ ގައުމުތަކަށް އެކަން ހުއްޓާލަން ގޮވާލާފަ އެވެ.

އަފްޣާނިސްތާނުގައި ތާލިބާނުން ދިން ހަމަލާގައި މިހާތަނަށް ވަނީ 60 އަށްވުރެ ގިނަ މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފަ އެވެ.