ސައުދީ އަަރަބިއްޔާ

ސައުދީގެ އެނާޖީ މިނިސްޓަރުކަން ޕްރިންސް އަބްދުލް އަޒީޒް

ސައުދީ އެނާޖީ މިނިސްޓަރު ކަމުގެ މަގާމަށް ސަލްމާން ރަސްގެފާނުގެ ދަރިކަލުން ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ހަމަޖައްސަވައިފި އެވެ.

އެނާޖީ މިނިސްޓަރު ކަމުގެ މަގާމު އެރުވި ޕްރިންސް އަބްދުލް އަޒީޒަކީ ހަކަތައިގެ ދާއިރާއން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްވެސް މެއެވެ.

ޕްރިންސް އަބްދުއްއަޒީޒް ވަނީ 1985 ވަނަ އަހަރު ސައުދީ އެނަޖީ މިނިސްޓަރުގެ ހާއްސަ އެޑްވައިޒަރުގެ މަގާމު ފުރުއްވާފަ އެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ޑެޕިއުޓީ އޮއިލް މިނިސްޓަރުގެ މަގާމު ފުރުއްވެވި އިރު 2017 ވަނަ އަހަރު އެސިސްޓެންޓް އޮއިލް މިނިސްޓަރު ކަމުގެ މަގާމުވެސް އަދާ ކުރެއްވި އެވެ. ޕްރިންސް އަބްދުލް އަޒީޒް ވަނީ ކިންގް ފަހްދު ޔުނިވާސިޓީން، ޕެޓްރޯލިއަމް އެންޑް އެނަޖީ އެފެއާސް އިން ޑިގްރީ ހާސިލް ކުރައްވާފަ އެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުން ފެށިގެން މިހާތަނަށް ސައުދީގެ އެނާޖީ މިނިސްޓަރު ކަމުގެ އަދާ ކުރައްވާފައި ވަނީ ފަސް ބޭފުޅެކެވެ. އެއިން އެއްވެސް ބޭފުޅަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅުންނެއް ނޫނެވެ.

ސަލްމާން ރަސްގެފާނު އެމަނިކުފާނުގެ ދަރިކަލަކަށް އެނާޖީ މިނިސްޓަރު ކަމުގެ މަގާމު އަރުވާފައި ވަނީ، ސަރުކާރުން ކުރާ ހޭދަތަކުގެ ސަބަބުން ތެލުގެ އަގުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވަނިކޮށެވެ. މިހާރު ސައުދީން ނުސާފު ތެޔޮ ފީފައެއް ވިއްކަނީ 60 ޑޮލަރަށެވެ. ނަމަވެސް އިގްތިސޯދީ މާހިރުން ގަބޫލު ކުރާ ގޮތުގައި މި ދަނޑިވަޅުގައި ތެޔޮ ފީފާއެއްގެ އަގު ހުންނަން ޖެހޭނީ 80 ޑޮލަރާއި 85 ޑޮލަރާ ދެމެދުގަ އެވެ.