ހަބަރު

ނަޝީދަށް ނުރައްކަލެއް ނެތް: ސަލާމަތީ ބާރުތައް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިވަގުތު އެއްވެސް ނުރައްކަލެއްނެތް ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

މިގޮތަށް ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ރައީސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެ މަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވުމާއި ގުޅިގެން ފުލުހާއި އެމްއެންޑީއެފުން ނެރުނު ދެ ނޫސްބަޔާނެއްގަ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވަނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އެމްއެންޑީއެފާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށްފަހު އެ މައްޗަށް ބަލައިގެން ކަމަށެވެ.

"... މިވަގުތު ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތްކަމަށް މި ސާވިސްއަށް ފާހަގަ ކުރެވިފައެއް ނުވޭ، މިފަދަ މައްސަލައެއް ހުށަހެޅިފައެއް ވެސް ނުވޭ، އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެން ވެސް ގޮތަކުން ނުރައްކަލެއް އޮތްކަމަށް ފާހަގަ ކުރާނަމަ އެ މައުލޫމާތު ވަޒަން ކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް ދެން،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ނަމަވެސް ފުލުހުންގެ ބަޔާނުގައި ރައީސް ނަޝީދަށް ފާރަ ނުލާ ކަމަކަށް ބުނެފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައިި ނުވާނެ ކަަމަށް ބުނެފަ އެވެ.

އެމްއެންޑީއެފުން ވެސް ވަނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި ޕޮލިހުންނާއި ގުޅިގެން މަސައްކަތްކުރަމުންދާ ބުނެފަ އެވެ. އަދި ރައީސް ނަޝީދަށް މިވަގުތު އިތުރު ނުރައްކަލެއްނެތް ކަމަށްވެސް ވަނީ ބުނެފަ އެވެ.