ވިޔަފާރި

އޮޓޯމޯބައިލްސް ދާއިރާއިން ޒުވާނުން ތަމްރީން ކުރަން ޝީޝާ އާއި ޕޮލިޓެކްނިކް

މޯލްޑިވްސް ޕޮލިޓެކްނިކްގައި އޮޓޯމޯބައިލްސް ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ދިނުމުގެ ގޮތުން ޝީޝާ އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އޮޓޯމޯބައިލް ކުންފުނި ޝީޝާ އާއެކު މިއަދު ކުރި މި އެއްބަސްވުމުގެ ދަށުން، ޕޮލިޓެކްނިކްގައި އޮޓޯމޯބައިލްސް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ދިނުމާއި ވަޒީފާގެ ފުރުސަތުތައްވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ހެނދުނު ޝީޝާ ޝޯ ރޫމްގައި ބޭއްވި ހަފްލާއެއްގައި މި އެއްބަސްވުމުގައި ޝީޝާގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހުޝާމް އެވެ. ޕޮލިޓެކްނިކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކޮލެޖުގެ ސީއީއޯ އަހުމަދު ނާސިރު އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ތަމްރީނު ކުރާ ދަރިވަރުންނަކީ އެންމެ ފަހުގެ ވެހިކަލްތަކަށް އަހުލުވެރި ކުދިންނަށް ވާނެ ކަމަށެވެ. އަދި، މިއީ އޮޓޯމޯބައިލްސް ދާއިރާއަށް ވަނުމަށް ދިވެހިންނަށް ދެވޭ ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވި އެވެ.

"މި ވެވޭ އެއްބަސްވުމުން އަޅުގަނޑުމެންނަަށް ވަރަށް ބޮަޑު ޔަގީންކަމެއް އެބަދެވޭ، އަޅުގަނޑުމެންގެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަުތައް ކަށަވަރުވާނެ ކަމަށް. އެ ކުދިންނަށް ޝީޝާ އިން ފުރުސަތު ދޭނެ ކިޔަވަމުންދާއިރުވެސް ވޯކް އެކްސްޕީރިއަންސް ދޭގޮތަށް، އެހެންވީމަ ކޯސް ވަކި ހިސާބަކަށް ގޮސް ނިމޭ ހިސާބަށް ދާއިރަށް އެ ކުދިންނަށް ވަޒީފާގެ ފުރުސަތު ކަށަވަރު ވެގެން މި ދަނީ. މީގައި ދަރިވަރުން އެހެން ތަނަކަށް ވަޒީފާއަށް ދާން،" އަހުމަދު ނާސިރު ވިދާޅުވި އެވެ.

ޝީޝާގެ ސީއީއޯ ހުޝާމް ވިދާޅުވީ، ޝީޝާ ކުންފުނީގެ އައުޓްލެޓްތައް މުޅި ރާއްޖެއަށް ފުޅާ ކުރަމުންދާއިރު، އެ ކުންފުންޏަށް އެންމެ ދަތިވެގެން ދަނީ ސާވިސް ދިނުމަށް ބޭނުންވާ މީހުން ތަމްރީން ވެފައި ނެތުން ކަމަށެވެ. އެގޮތުން، ޓްރެއިން ކޮށްފައި ތިބި ދިވެހިން މި މަސައްކަތަށް ނެގުމަކީވެސް މި އެއްބަސްވުމުގެ މުހިއްމު އަމާޒެއް ކަން ފާހަގަ ކުރެއްވި އެވެ.

"ޕޮލިޓެކްނިކް އާއި ވާހަކަދެކެވިގެން ފުރުސަތު ލިބިގެން މި ދަނީ ދިވެހިން މިކަމުގައި ސައިކަލު މަރާމާތު ކުރުމާއި، ނޫނީ އެހެން ކަހަލަ މެޝިނަރީސްވެސް މަރާމާތު ކުރުމުގައި ޓްރެއިނިންދީ ،ޓްރެއިންވެފައި ތިބި ދިވެހި ކުދިން އަޅުގަނޑުމެންގެ ވަޒީފާއަށް ވެއްދުމުގެ ފުރުސަތު ލިބޭނެ. މިއީ ވަރަށް ރަނގަޅު ފައުންޑޭޝަން އެއް މި އަޅައިދީ،" ހުޝާމް ވިދާޅުވި އެވެ.

ޕޮލިޓެކްނިކްއިން އޮޓޯބޯމައިލްސް ދާއިރާއިން ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ އާ ހަމައަށް ކިޔަވާ ދެމުން ދެ އެވެ.