ވިޔަފާރި

އެމްއައިބީ ހިއްސާ ގަންނަ ފަރާތްތަކަށް އިތުރު ވަގުތު

Sep 11, 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކުމުގެ މުއްދަތު މި މަހުގެ 22 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު ކުރިން އޮތީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ ޖުލައި 28 އާއި އޯގަސްޓް 15 އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، އެ ދުވަސްތަކުގެ ބަދަލުގައި އިތުރު ދެ ދުވަސް ވަނީ ދީފަ އެވެ.

އެމްއައިބީ އިން ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފަ އެވެ. ހިއްސާ ވިއްކަން ހުޅުވާލާއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ. އެމްއައިބީގެ އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.