ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްހީ ވަސީލަތްތައް ބެހިގެންދާގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-2017 އަށް އިފްތިތާހް ކޮށްފި އެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ފްރޭމްވޯކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ނޭޝަނަލް ހެލްތު އެކައުންޓްސް އިފްތިތާހުކޮށްފައިވާއިރު، މިއީ ހެލްތު މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާ ގުޅިގެން މިފަދަ ރިޕޯޓެއް ޝާއިއު ކުރި ތިން ވަނަ ފަހަރެވެ.
މި ރިޕޯޓްގެ ނަތީޖާތަކުން ދައްކާ ގޮތުގައި 2017 ގައި ރާއްޖޭގައި ސިއްހީ ކަންކަމަށް 6000 މިލިޔަން ރުފިޔާއަށް ވުރެން ގިނައިން ހަރަދު ކޮށްފައިވެ އެވެ. އަދި، މި ޚަރަދުތަކުގެ ތެރެއިން 77 ޕަސެންޓަކީ ސަރުކާރުން ސިއްހަތަށް ކޮށްފައިވާހަރަދުތަކަށް ވާއިރު 60 ޕަސެންޓު ހޭދަ ކުރަނީ ޑޮކްޓަރަށް ދެއްކުމަށް ކަމަށް ރިޕޯޓުގައި ވެ އެވެ. އަދި، އެޑްމިޓްކުރުމަށް ހޭދަކޮށްފައިވަނީ 19 ކަމަށްވެސް ވެ އެވެ. މީގެ އިތުރުން، 2017 ގައި ސަރުކާރުގެ ބަޖެޓުގެ 32.3 ޕަސެންޓު ހޭދަ ކުރީ ސިއްހީ ދާއިރާ އަށް ކަމަށް ރިޕޯޓުގެ ނަތީޖާ ތަކުން ދައްކަ އެވެ.
މި ރަސްމިއްޔާތުގައި ރިޕޯޓް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދަައްކަވަމުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިއަދު އާއްމު ކުރި ރިޕޯޓުން ސިއްހަތަށް ރާއްޖޭގައި ބޮޑު ހޭދަ އެއް ކުރާ ކަމަށާއި އޭގެ ތެރެއިން ބޮޑު ހޭދަ އެއް ކުރަނީ ބަލިން ރައްކާތެރި ވުމުގެ ބަދަލުގައި ބަލި ބައްޔަށް ފަރުވާ ހޯދުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަހަަރަކު މަރުވާ މީހުންގެ 80 ޕަސެންޓަކީ ހިތުގެ ބައްޔާއި ސްޓްރޯކް އަދި ފުއްޕާމެއަށް ޖެހޭ ބަލިތައް ކަމަށްވެފައި މި ބަލިތަކަކީ ދިރިއުޅުމުގައި ގެންގުޅޭ އާދަތަކުން ކުރިމަތިވާ ކަންކަން ކަމަށެވެ. އަދި މިއީ ގައިން ގަޔަށް އަރާ ބަލިތަކަށް ނުވާއިރު ނުރަނގަޅު އާދަތަކުން މީހުން އަހުލުވެރި ކުރުމަށް ސަރުކާރުން މަަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރެއްވި އެވެ.
" ދުންފަތުގެ އިސްތިއުމާލުކުރުމާ، އެނާޖީ ޑްރިންކް އަދި ހަކުރު ގިނަ ބުއިންތަކާ، ސިއްހީ ގޮތުން ނުރަނގަޅު ކެއުންތަކުން މީހުން ދުރުހެލިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުން. ހެލިފެލިވެ ކަސްރަތުކުރުމަށް ބާރުއެޅުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ ޕްރޮގަރާމެއްވަނީ ފެށިފަ"
އިތުރަށް ވިދާޅުވީ، ބަލިތަކުން ދުރާލާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރާ ހޭދަ އަކީ ސިއްހީ ފަރުވާގެ ކަންކަމަށް ބުރޫނާރާނެ ފަދަ ގޮތަތަކަށް ރާވައިގެން ކުރާ ކަމެއް ކަމަށެވެ.
މި ރިޕޯޓްގެ ހޯދުންތަކުން ސިއްހީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.