ދުނިޔެ

"ވެޑިން ޕާޓީ" ގައި ކާން ދިނީ ރެފިއުޖީންނަށް: މިހާ ދީލަތިވާން ކެރިދާނެތަ؟

Aug 5, 2015

ތުރުކީގެ ޒުވާން ދެމަފިރިއެއްގެ ވާހަކަ އެވެ؛ ދެ މީހުންގެ ކައިވެންޏަށް ފަހު އަގު ބޮޑު، ކުލަގަދަ ރަސްމިއްޔާތެއް ނުވަތަ ޕާޓީއެއް ރައްޓެހިންނާއި އާއިލާގެ މީހުންނަށް ބޭއްވުމުގެ ބަދަލުގައި މި ދެމަފިރިން ކުރި ކަމަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންނަށް ބަދަލުވެ ހާލުގައިޖެހިފައިވާ 4،000 މީހުންނަށް ކާން ދިނީ އެވެ.

ފަތުހުﷲ އުޒްމިކޫގްލޫ އާއި އިސްރާ ޕޫލަތު ނަމަކަށް ކިޔާ މި ދެ މީހުން އެ މީހުންގެ ކައިވެންޏަށް ފަހު ސީރިއާގެ ރެފިއުޖީންނަށް ކާން ދީފައި ވަނީ ސީރިއާ އާއި ތުރުކީގެ ސަރަހައްދީ އިން ކައިރީގައި އޮންނަ ޚީލިސް ނަމަކަށް ކިޔާ އަވަށެއްގައި ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ، ކާބޯތަކެތި ހޯދުމަށް ސަފު ހަދައިގެން ތިބި ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދިނީ ވެސް ވެޑިން ހެދުމުގައި ތިބި މި ދެ މީހުންނެވެ.

ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިއާގެ ރެފިއުޖީންނަށް ކާން ދީފައި ވަނީ ތުރުކީގެ ރިލީފް އޯގަނައިޒޭޝަނަކާ ގުޅިގެންނެވެ. މި ހިޔާލެއް މި ދެމަފިރިންނަށް ދިނީ އަންހެން ކުއްޖާގެ ބައްޕަ އެވެ. އޭނާ އަކީ މި ބުނާ ރިލީފް އޯގަނައިޒޭޝަން ކިމްސޭ ޔޯ މޫގެ ދަރުމަވެރިއެކެވެ.

"އަހަންނަށް ވިސްނުނީ އާއިލާ އާއި އެކުވެރިންނަށް ދައުވަތު ދީގެން ބޮޑު ޖާފަތެއް ބޭއްވުމަކީ އެއްވެސް ބޭނުމެއް ހުރި ކަމެއް ނޫން ކަމަށް. އެއީ ކާ އެއްޗިއްސަށް ބޭނުންވެފައި ތިބި އެތައް ބަޔަކު އަހަރެމެންނާ އެކު ވެސް އުޅެމުންދާތީ،" މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަންހެން ކުއްޖާގެ ބައްޕަ ބުނެފައިވެ އެވެ.

ރެފިއުޖީންނަށް ކާބޯތަކެތި ބެހުމަށް ބޭއްވި ހަރަކާތަށް ފަހު އުޒްމިކޫގްލޫ ބުނެފައި ވަނީ އެމީހުން ފަހަތުން އެހެން މީހުންގެ އެމީހުންގެ ކައިވެނީގެ ހަފުލާތައް ރެފިއުޖީންނަށް އެހީވާ އިންސާނީ ހަރަކާތްތަކަކަށް ބަދަލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ތުރުކީގެ ޚީލިސް އަވަށަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ތުރުކީ އަށް އެތެރެވަމުން އަންނަ މީހުން ވަރަށް ގިނަ އަވަށެކެވެ. އެތަނުގެ އާބާދީ 100،000 އަށް ވުރެ މައްޗަށް އަރާއިރު މިހާރު ދަނީ 123،000 ސީރިއާގެ ރެފިއުޖީންނަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.