ދީނީ އިލްމުވެރިން

ނަޝީދުގެ ވާހަކަތައް ދީނީ އިލްމުވެރިން ކުށްވެރިކޮށްފި

Sep 15, 2019
24

ހެދުން އެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ދީނީ އިލްމުވެރިން ކުށްވެރި ކުރައްވައިފި އެވެ.

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި ބެލެނިވެރިން އަދި ޓީޒަރުންނާއި މުހާތަބު ކުރައްވާ ކުރީގެ ރައީސް ނަޝީދު ރޭ ވިދާޅުވީ ދިވެހިންގެ "ގައުމިއްޔަތު" ބަދަލު ކުރަން، ނުވަތަ ފޮހެލަން ވޭތުވެދިޔަ 20 އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ބަޔަކު ކޮށްފައިވާ ކަމަށެވެ.

ރޭ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އިލްމުވެރިންނާއި ޝައިހުންގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާއިރު ވަރަށް ގިނަ އާންމުން ވެސް ގެންދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ: "އެންމެ ބޮޑު ކަމަކީ މިސްކިތްތައް ތަޅާލުން، ގަބުރުސްތާނުތައް ތަޅާލުން، ޒިޔާރަތްތައް ތަޅާލުން، މާޒީ ފުހެލުން، އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން، އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން، ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަނދެފައި ތިބޭ މީހުން [ހުސްގަޔާ] އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަންފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރުވީ ފަހުން. މަންމަ ހެދުން އަޅާގޮތް، މަންމަ ބަދަލުކުރީ ބުރުގާއެއް އަޅާފަ، އެހެން ގޮތަކަށް ހެދުން އެޅީ، އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި، މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލުކުރ، އެހެންނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،"

އެ މަނިކުފާނުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ދީނީ އިލްމުވެރިން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ މުސްލިމުން ހެނނދުން އަޅަން ޖެހޭނީ ރަސޫލާ އެންގެވި ގޮތަށް ކަމަށާއި އެއީ ނަޝީދު އަންގާ ގޮތަކަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ހައްދު ފަހަނަ އަޅައި ގޮސްފައިވާ މީހުން ކާބަފައިން ހުއްޖަތަކަށް ހަަދަން ފެށީ އަލަށް ނޫން ކަމަށާއި އީމާންވާން ޖެހޭނީ ކާބަފައިން އުޅުނު ގޮތަކަށް ނޫން ކަމަށެވެ. ބަލަންޖެހޭނީ ގުރުއާނާއި ސުންނަތުގައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޔާޒްގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކައަށް ރައްދު ދެއްވާފަ އެވެ، އޭނާ ވިދާޅުވީ ކަމެއް ކުރަން ދީނުގައި އަންގަވާފައިވާ ސައްހަ ގޮތް އެނގުމުން ކުރީގައި ނޭނގި އަމަލު ކުރެވުނު ގޮތް ދޫކޮށްލުމަކީ ގޯސް ގޮތެއް ކަމަށް ދެކުމަކީ ދީނީ ކަންކަމަށް ހިތުގައި ގަދަރެއް ނެތްކަމުގެ އަލާމާތެއް ކަމަށެވެ. ދިވެހިންނަކީ މުސްލިމުން ކަމަށާއި މުސްލިމުން ބަލަންޖެހޭނީ ދީނުގައި އައިސްފައިވާ ގޮތަށް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ޝައިހު ޝަފީއު އަބްދުﷲ ވިދާޅުވީ ދީނުގައި އޮންނަނީ ވަކި ކަމަކަށް ހުކުމެއް އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެއްޖެނަމަ އެކަމަކަށް އީމާންވެ ތަބާވުން ކަމަށާއި އެއީ މޫމިނުންގެ ސިފަ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ކުރަންވީ ކަމަކީ ހެޔޮ ގޮތަކީ ކޮބައިތޯ ބަލައި ހޯދުން ކަމަށާއި ދީނުގައި ހެޔޮ ގޮތް ބަޔާން ކޮށްފައި ވާނެ ކަމަށެވެ.