އަދާލަތު ޕާޓީ

އިޔާޒުގެ ދިފާއުގައި އަދާލަތުގެ އިލްމުވެރިން ތެދުވެއްޖެ

ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އާއި އައްޝައިޚް އިލްޔާސް ހުސައިން އަދި އައްޝައިޚް އަލީ ޒައިދު -- އަވަސް ފޮޓޯ
33.3%
50%
16.7%

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، ގައުމީ ޔުނިވާސިޓީގައި އަދާ ކުރައްވަމުން ވަޑައިގެންނެވި ވަޒީފާއިން ސަސްޕެންޑް ކުރުމާއި ގުޅިގެން އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށް އިޔާޒަށް ހިތްވަރު ދެއްވައިފި އެވެ.

އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެކެވެ.

އިޔާޒު ސަސްޕެންޑް ކުރިކަން އެންގީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އޭނާ ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ ކްލާސްތައް ނެގުމަށް އޭނާ ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށް ފަހު ޔުނިވާސިޓީން ވަނީ އެންމެ ފަހުން އޭނާ ތައްޔާރުވެ ވަޑައިގެންނެވި ކްލާސްތައް ވެސް ނުނަގަން އަންގާފަ އެވެ.

އިޔާޒަށް ފިޔަވަޅު އެޅުމާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިިން ވިދާޅުވީ އިޔާޒަކީ "ލާދީނީ ވެރިން" އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ ކަަމަށެވެ. ޖެހިލުމެއް ނެތި މާޒީގެ ވެރިންނަށް ދެއްވާ ރައްދަށް ކެތް ނުކުރެވުނު ކަމަށާ އިޔާޒާމެދު ނާއިންސާފުން އަޅާ ފިޔަވަަޅަކީ ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަަށެވެ.

"އިލްމުވެރިންގެ އަގު ވައްޓާލާ އިލްމުވެރިންނާ ޖައްސާލުމަކީ ކޮންމެ ވެރިކަމެއްގައި ވެސް ހެދޭ އެންމެ ބޮޑު ގޯސް. އަޅުގަނޑުމެން މި ތިބީ ޑރ. އިޔާޒް އާއެކު. އެމަނިކުފާނަށް ދެރައެއް ލިބުނަކަ ނުދޭނަން،" އިލްޔާސް ވިދާޅުވި އެވެ.

ޝައިޚް އަލީ ޒައިދު ވިދާޅުވީ "ލާާދީނީ" މީހުން ދައްކާ ބިރަށް ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

"މިއީ އެމަނިކުފާނު [ޑރ އިޔާޒް] ގެ އިމްތިހާނުގެ ވަގުތެވެ. ކެތްތެރިވާށެވެ. އެމްޑީޕީގެ 'ވަކަރުގޭ' މީހުން ދައްކާ ބިރަށް އަޅުގަނޑުމެން ފަހަތަށް ނުޖެއްސޭނެ،" ޒައިދު ވިދާޅުވި އެވެ.

އަވަސްއާ ވާހަކަ ދައްކަމުން އިޔާޒް ވިދާޅުވީ ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އަންގާފައިވާ ކަމަަށާ ޔުނިވާސިޓީން ބަލަމުން ދަނީ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޓްވީޓްތަކެއްގެ މައްސަލަ ކަމަށެވެ.

އިޔާޒް ވިދާޅުވީ ގާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށާ އަދި ކުރިއަށް އޮތްތާ ވެސް ނުކުރައްވާނެ ކަމަށެވެ.

"މިއީ ޔުނިވާސިޓީ ހިންގުމުގައި ތިއްބެވި އެމްޑީޕީގެ އެކްޓިސްޓުންތަކެއް ކުރާ ކަމެއް. އިންޝާﷲ، އަޅުގަނޑު ކުރާ އެއްވެސް ކަމެއް މިފަދަ ފިޔަވަޅެއްގެ ސަބަބުން ނުހުއްޓުވޭނެ،"

އިޔާޒް ވިދާޅުވީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކިޔެވުމަށް އަސަރު ކޮށްފާނެތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އިޔާޒް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް މިދިޔަ އަހަރު ވަނީ އިންޒާރު ވެސް ދީފައެވެ.

އިޔާޒް ސަސްޕެންޑް ކޮށްފައި މިވަނީ ޖަމާއަތުގެ ނަމާދު ހުއްޓާލުމާ ގުޅޭގޮތުންނާއި ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅު ހައްދަވާ އިޔާޒް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އިޔާޒް ގެންދަވަނީ ހަމަހަމަކޮށް ފިޔަވަޅު ނާޅުއްވާ ހަމައެކަނި މިސްކިތުގެ ޖަމާއަތަށް ފިޔަވަޅުތައް އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިޔާޒް ފާހަގަ ކުރެވިފައި ވަނީ މި ސަރުކާރާ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ދިފާއު ކުރައްވާ ބޭފުޅެއްފެ ގޮތުގައެވެ. އިޔާޒަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސެވެ. ނަމަވެސް ނަމާދުގެ މައްސަލާގައި އިޔާޒު ގެންދަވަނީ ކަން އޮތްގޮތް ބަޔާންކޮށް އިލްމުވެރިންގެ ފަރާތުން ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678