އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާކަން ދީނީ އިލްމުވެރިންތަކެއް ހާމަކޮށްފި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކުރުމަށް މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިއްސަކަށް ދީނީ އިލްމުވެރިން ބައިވެރިވި އެވެ.
އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުގެ އިތުރުން ޝައިހް އިލްޔާސް ހުސައިން އާއި ޑރ. މުހައްމަދު އިޔާޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި ސަރުކާރުން ދީނީ ކަންކަމަށް އިސްކަންދޭ ކަމަށާއި ކުރީގެ ސަރުކާރުތަކުން ދީނީ ޕްރޮގްރާމްތައް ނުހިންގާ ވަރަށް މި ސަރުކާރުން ދީނީ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހުގެ ލަފާފުޅާއެކު ޒަކާތުގެ ބިލަކާއި ހައްޖުގެ ބިލެއް ތައްޔާރުކޮށް ބަންޑާރަނައިބުގެ ލަފާފުޅަށް ހުށަހަޅުއްވާފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހް އިލްޔާސް ހުސައިން ވިދާޅުވީ ރައީސް ސޯލިހަކީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަން ހުރި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހަކީ ރުޅި އިސްކުރައްވާ ރުންކުރު ނިންމުންތައް ނިންމަވާ ބޭފުޅެއް ނޫން ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
ޑރ. އިޔާޒު ވިދާޅުވީ އިލްމުވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ފަސްޖެހުމެއް ނެތި ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމަށެވެ.
ދީނީ އިލްމުވެރިންތަކެއް ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފައި މިވަނީ ރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ގިނަ އިލްމުވެރިންތަކެއް ހިމެނޭ "އިލްމުވެރިންގެ ގުޅުން" ވައިބާ ގްރޫޕުގައި ނެގި ވޯޓެއްގައި ބައިވެރިވި 105 އިލްމުވެރިންގެ ތެރެއިން 87 އިލްމުވެރިން ޑރ. މުއިއްޒަށް ތާއީދުކުރައްވާފައި ވަނިކޮށެވެ.