ޑރ. މުހައްމަދު އިޔާޒް

މުއިއްޒަށް ގިނަ އިލްމުވެރިން ތާއީދެއް ނުކުރޭ: އިޔާޒު

ރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ގިނަ އިލްމުވެރިން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރައްވާ ކަމަށް އިލްމުވެރިންގެ ގުޅުމުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އިޔާޒު މިހެން ވިދާޅުވީ އޭނާވެސް ހިމެނޭ "އިލްމުވެރިންގެ ގުޅުން" ވައިބާ ގްރޫޕުގައި ނެގި ވޯޓެއްގައި ބައިވެރިވި 105 އިލްމުވެރިންގެ ތެރެއިން 87 އިލްމުވެރިން ޑރ. މުއިއްޒަށް ތާއީދުކުރައްވާފައި ވަނިކޮށެވެ.

އިޔާޒު ވިދާޅުވީ ރާއްޖޭގައި ތިއްބެވި 363 އިލްމުވެރިންގެ ތެރެއިން ޑރ. މުއިއްޒަށް ތާއީދުކުރައްވަނީ 87 ބޭފުޅުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންގެ ގިނަ ބައެއް މުއިއްޒަށް ތާއީދުކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށެވެ.

އިލްމުވެރިންގެ ގުޅުމުގެ ވައިބާ ގުރޫޕުގައި ނެގި ވޯޓުގައި ރާއްޖޭގެ ގިނަ އިލްމުވެރިން ބައިވެރި ނުވާ ކަމަށާއި މުއިއްޒަށް ތާއީދުކުރަން ވޯޓުދެއްވީ 24 ޕަސަންޓް އިލްމުވެރިން ކަމަށް އިޔާޒު ވިދާޅުވި އެވެ.

"އެއީ އިލްމުވެރިންގެ 24 ޕަސަންޓް. ތިޔަ ހެޑްލައިން ހަދާ ގޮތަށް ހަދާނަމަ ޖަހަންވީ ހެޑްލައިންއަކީ ދިވެހިރާއްޖޭގެ އިލްމުވެރިންގެ 76 ޕަސަންޓް ޑރ. މުއިއްޒަށް ތާއީދެއް ނުކުރައްވާ،" އިޔާޒު ވިދާޅުވި އެވެ.

އިލްމުވެރިންގެ ނަމުގައި ޚަބަރު ފަތުރާއިރު އަމާނާތްތެރިވުމަށް އިޔާޒު ވަނީ ގޮވާލާފަ އެވެ. އަދި ސިޔާސީ ވިސްނުން ކުރިއެރުވުމަށް އިލްމުވެރިންގެ ނަމުގައި އިތުރުފުޅު ނުހެއްދެވުމަށް މުއިއްޒުއަށް އިޔާޒު ވަނީ ގޮވާލާފަ އެވެ.