އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ މެންބަރުން މުއިއްޒަށް މަރުހަބާއެއް ނުކިޔާ

އަދާލަތު ޕާޓީގެ މެންބަރުން ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ނުކިޔާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިހެން ބުނީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އަދާލަތު ޕާޓީގެ މެންބަރުންތަކެއް ފުވައްމުލަކުން އިއްޔެ މަރުހަބާކީ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުންނެވެ.

މުއިއްޒު ފުވައްމުލައް ސިޓީއަށް އިއްޔެ ވަޑައިގަތުމުން އަދާލަތު ޕާޓީގެ ފެހިކުލައިގެ ޓީޝާޓުތަކެއް ލައިގެން ތިބި ބަޔަކު ވަނީ މުއިއްޒުއަށް މަރުހަބާ ކިޔާފަ އެވެ.

އަދާލަތު ޕާޓީން ބުނީ މުއިއްޒުއާ ބައިވެރިވި ކަމަށް ބުނާ 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އަދާލަތު ޕާޓީގެ މެންބަރުން ނޫން ކަމަށެވެ.

"މިއީ ޑރ. މުއިއްޒަށް ތާއީދުނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީގެ ފަރާތުން ކުރާ ޑެސްޕަރޭޓް ކެމްޕޭނެއް. އަދާލަތު ޕާޓީގެ ތާއީދު މުއިއްޒަށް އޮތްކަން ދައްކަން އަދާލަތު ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމްއެއް،" އަދާލަތު ޕާޓީން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މުއިއްޒު އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އޭނާއަށް މަރުހަބާ ކިޔުމަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި އަދާލަތު ޕާޓީ އުފެއްދި މަރުހަލާގައި އުޅުނު ކަމަށް ބުނާ ބަޔަކު ފެހި ކުލައިގެ ޓީޝާޓްތަކެއް ލައިގެން މުއިއްޒުގެ އިސްތިގުބާލްގައި ތިއްބެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ޑރ މުއިއްޒުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ،