ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އިމްރާން ވަނީ ޑރ. މުހައްމަދު މުއިއްޒަށް ފުރަތަމަ ފަހަރަށް ވަޒީރުކަން ލިބިވަޑައިގެންނެވި ގޮތް އޮޅުން ފިލުއްވައިދެއްވާ މުއިއްޒަކީ އަމިއްލަ އެދުން ބޮޑު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
މުއިއްޒަށް ފުރަތަމަ ވަޒީރުކަން ލިބިވަޑައިގަތީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓެއް ގައެވެ. ވަހީދުގެ ވެރިކަމުގައިވެސް އަދި އޭގެފަހުން އައި ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީންގެ ސަރުކާރުގައިވެސް މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގައެވެ.
އިމްރާން ވިދާޅުވީ ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން އަދާލަތު ޕާޓީއަށް ކެބިނެޓުން ސްލޮޓްތަކެއް ދިނުމާ ގުޅިގެން ވަޒީރުކަން ބޭނުންވުމުން މުއިއްޒު އަމިއްލަފުޅަށް އާދޭސް ދެންނެވުމުން ކެތްނުވެގެން އެ ފުރުސަތު ދެއްވި ކަމަށެވެ. ފަހުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުން އަނެއްކާވެސް ހައުސިން މިނިސްޓަރުކަން ބޭނުންވެެ އެމްޑީއޭގެ ސްލޮޓް ހޯދަން ވެގެން އަދާލަތު ދޫކޮށް އެ ޕާޓީއަށް މުއިއްޒު ވަޑައިގަތީ ކަމަށެވެ. އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ވެސް އިންނެވި ޖަލްސާގައި އިމްރާން ވިދާޅުވީ ސިޔާމު ކައިރީ އާދޭސް ދެންނެވި ވަރުން ސިޔާމަށް ވެސް ކެތްނުވެގެން މުއިއްޒަށް ވަޒީރު ކަން ދެއްވީ ކަމަށެވެ.
"ކުޑަކުއްޖަކު މަންމަ ކައިރީ އައިސް ރޯހެން އަޅުގަނޑު ކައިރީ މަގާމަކަށް އެދި [މުއިއްޒު] ރުއީ. އަޅުގަނޑު މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތް ނުވާ ގޮތަށް އަޅުގަނޑުގެ ލަގޮނޑިއަށް ކެތް ނުވުމުން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ ވަޒީރުކަން ހޯއްދަވަން މުއިއްޒު އަމަލުކުރެއްވި ގޮތުން މިސާލު ދެއްކެވުމަށްފަހު މުއިއްޒަކީ އޭނާ ހުންނަވާ ޕާޓީއަކަށް އިހުލާސްތެރި ބޭފުޅެއްގެ ބަދަލުގައި މަގާމަށް ދަހިވެތިވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އޭގެފަހުގައި އިމްރާން ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ޔާމީން މިނިވަން ނުކުރާނެ ކަމަށެވެ.
"ޕީޕީއެމްގެ ލޮބުވެތި ރައްޔިތުން. މުއިއްޒު ވެރިކަމަށް ހޮވިއްޖިއްޔާ ޔާމީނު އޮންނާނީ ޖަލުގައި،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ހާލަތު ރަނގަޅު ކުރަން އަދާލަތު ޕާޓީން ކުރި ހުރިހާ ކަމަކަށް މުއިއްޒު އެޕާޓީގައި ހުންނެވިއިރު ދެކޮޅު ހެދި ކަމަށެވެ. އަދި ރައީސް ޔާމީން ހައްޔަރުކުރެވުނު ވަގުތު އިދިކޮޅުގެ ރިޔާސީ ޓިކެޓަށް މުއިއްޒު ދަހިވެތި ކަމާ އެކު ކުރިމަތިލެއްވި ކަމަށެވެ. ޔާމީން ޖަލަށްލުމުން އެންމެ އުފާވި އެއް ބޭފުޅަކީ ވެސް މުއިއްޒު ކަމަށް އިމްރާން ތުހުމަތުކުރެއްވި އެވެ.