ޑރ. މުހައްމަދު މުއިއްޒު

އިންސާފު ގާއިމުކޮށް ގައުމަށް ހަމަޖެހުން ގެނެސްދޭނަން: މުއިއްޒު

އިންސާފު ގާއިމުކޮށް ގައުމަށް ހަމަޖެހުން ގެނެސްދޭނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރޭ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ގައުމަށް އަދުލުވެރިކަން ގެނެސްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި ކަންކަން ހިނގާނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކުގަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަވެރިން މިހާރު ކުރަނީ ކެމްޕޭން ނޫން ކަމަށާއި ވާދަވެރި ޓީމުން ކުރި ކަންކަން ރައްޔިތުން ބަލައިނުގަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޒާތީ ގޮތުން ދިމާކޮށް އެންޓި-ކެމްޕޭން ކުރި ނަމަވެސް މި ސަރުކާރުން ގޯހުން ކުރި ކަންކަން ބަދަލު ނުވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އިންޑިއާ ސިފައިން ނެތް ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިޔަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވަނީ އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.