ހަބަރު

ނަސޯރާއިންގެ އަގީދާއަށް ތަހުނިޔާ ކިޔާ މީހާއަކީ ދީނުގެ އަދުއްވެއް: އިލްޔާސް

ނަސޯރާއިންގެ އަގީދާއަށް ތަހުނިޔާ ކިޔާ މީހާއަކީ ދީނުގެ އަދުއްވެއް ކަމަށް ޝައިހު އިލްޔާސް ހުސައިން ވިދާޅު ވެއްޖެ އެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ސަރުކާރުގެ އެމްބަސީގެ ވަޒީފާއެއްގައި ހުންނެވި ޝައިހު މިހެން ވިދާޅުވި އިރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިސްޓްމަސް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން ނަޝީދަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި ދިވެހިންގެ ގިނަ ބަޔަކު ވަނީ އެކަމާ ރުޅިގަދަ ވެފައެވެ.

ނަޝީދަށް އަމާޒުވާ ގޮތަށް ޓްވީޓާ މެދުވެރިކޮށް އިލްޔާސް ވިދާޅުވީ، އިލާހީ ބަސްފުޅަށް ގޮން ޖަހައި ނަސޯރާއިން ގަބޫލުކުރާ ޝިރުކުގެ އަގީދާއަށް ތަހުނިޔާ ކިއުމަކީ، އެ ބާތިލު އަގީދާ ގަބޫލުކޮށް އެކަމަށް ތާއިީދު ކުރާކަމުގެ ހެއްކެއް ކަމަށެވެ.

އަދި އެއީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރާ ކަމަށް ވެވޭ އިއުތިރާފެއް ކަމަށާއި އެފަދަ މީހަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ވެސް އެމްޑީޕީގެ ސަރުކާރާއެކު ކޯލިޝަނެއް ހަދާފައިވާ އަދާލަތު ޕާޓީއަށް ނިސްބަތްވާ އަދި އެ ޕާޓީގައި ނުފޫޒުގަދަ އިލްމުވެރިޔާ ވިދާޅުވެފައި ވެއެވެ.

އިލްޔާސް ކުރެއްވި ޓްވީޓް

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ކުރިންސުރެ ވިދާޅުވެފައިވާ ގޮތުގައި ޣައިރު ދީންތަކުގެ އީދުތައް ފާހަގަކޮށް ތަހުނިޔާ ކިޔުން މުސްލިމުންނަށް ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އަދި ޣައިރު އަގީދާ ގަބޫލު ނުކުރާ ހާލުވެސް އެ ކަމުގައި އެއްވެސް ގޮތަކަށް ބައިވެރިވެއްޖެ ނަމަ، އެ ޝިރުކުގައި ބައިވެރިވެ އަދި އެ ދޮގު ބުހުތާނުތަކަށް ހެކިވެވެނީ ކަމަށް ވެދާނެ އެވެ.

ގިނަ އިލްމުވެރިން އެހެން ވިދާޅުވެފައި ވަނިކޮށް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކްރިސްްޓްމަސް ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ކުރިމަތިވެފައިވާއިރު ވަރަށް ވގިނަ ބަޔަކު ރައީސް ނަޝީދަކީ "އިސްލަމް ދީނުގެ އަދުއްވެއް" ގެ ގޮތު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ސިފަ ކޮށްފައި ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި އަބަދުވެސް ދިނީ ކޮންމެވެސް އަރައިރުމެއް ފެންމަތިވެފައި އޮވެ އެވެ. އޭގެ ތެރެއިން ގިނަ ވާހަކަ ފެންމަތި ވަނީ ކުރީގެ ރައީސް ނަޝީދު ވިދާޅުވާ އެއްޗަކާ އަދި ކުރައްވާ ކޮންމެވެސް ކަމަކާ ގުޅިގެނެވެ.