ހަބަރު

މި ސަރުކާރުން ޑިމޮކްރަސީ ނަގަހައްޓައިދޭނެ: އެމްއާރްއެމް

ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ބައެއްކަން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ހާމަވެފައިވާ ކަމަށާ އެ އިންތިޚާބުގައި ދިވެހި ރައްޔިތުންވަނީ ގާނޫނުއަސީސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުންކޮށް އޭރުގެ ވެރި ކަމަކަށް ނިމުން ގެނެސްފައި ކަމަށް، ކުރީގެ ރައީސް މައުމޫންގެ އެމްއާރުއެމުން ބުނެފި އެވެ.

އެމްއާރުއެމުން މިހެން ބުނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހާ ގުޅިގެން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ.

"... ޑިމޮކްރަސީ އަކީ ހަމައެކަނި ވޯޓު ލުމުގެ ހައްގެއް ނޫނެވެ. ފުރިހަމަ ޑިމޮކްރަސީއަކަށް، އޭގެ ހަމަތައް ނަގަހައްޓާ ދަމަހައްޓާނޭ ސިޔާސީ ލީޑަރުން ބޭނުން ވެއެވެ... ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަމުން ދާއިރު ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނޭކަމުގެ ޔަގީންކަން އެބައޮތެވެ." ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް ހިމެނޭ އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.