ހަބަރު

ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރަން ގިނަ ހަރަކާތްތަކެއް ބާއްވަނީ

ނަފްސާނީ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ވޯލްޑް މެންޓަލް ވީކް ފާހަގަ ކުރަން އައިޖީއެމް ހޮސްޕިޓަލުން ނިންމައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނަފްސާނީ ބަލިތަކުގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗު އިން މިއަދު ބުނީ ސެންޓާ ފޮ މެންޓަލް ހެލްތުން އިންތިޒާމްކޮށްގެން ބާއްވާ ވޯލްޑް މެންޓަލް ވީކްގެ ހަރަކާތްތައް މިއަދުން ފެށިގެން އަންނަ މަހުގެ 10 އަކާ ހަމަޔަށް އޮންނާނެ ކަމަށެވެ. އެގޮތުން ނަފްސާނީ ބަލިތަކާ ބެހޭ މައުލޫމާތު ސެޝަންތަކެއް އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ރާވާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އޭގެ އިތުރުން "ވޯކް ފޮ މެންޓަލް ވެލް ބީން" ނަމުގައި ހިނގާލުމަކާއި އާޓް އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ މަރުކަޒެއް އައިޖީއެމްއެޗްގައި ހުޅުުވީ މާޗު މަހު އެވެ. އެ ސެންޓަރު މެދުވެރިކޮށް އެޑްމިޓްކޮށްގެންނާއި އެޑްމިޓްނުކޮށް ދޭ ފަރުވާތައް ދެ އެވެ. އަދި ބަލި ދެނެގަނެ ބޭސް ދީގެން ބަލިތައް ރަނގަޅު ކުރުމާއި ކައުންސިލިންގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ވެސް ދެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މަރުކަޒެއް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.