ޝްރައްދާ ކަޕޫރު

ހިތް ބިރުގަތުމާ ހަ އަހަރު ހަނގުރާމަކުރިން: ޝްރައްދާ ކަޕޫރު

ޝްރައްދާ ކަޕޫރުގެ އެންމެ ފަހުން ރިލީޒްވި ދެ ފިލްމު "ޗިޗޯރޭ" އާއި "ސާހޯ" އަށް ލިބުނު ބޮޑު ކާމިޔާބުން އޭނާ ވަނީ ވަރަށް އުފާވެފަ އެވެ. ނަމަވެސް ފާއިތުވީ އަހަރު ތަކަކީ ޝްރައްދާގެ ހަޔާތުގައި ވަރަށް އާދަޔާޚިލާފު ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރު ތަކެކެވެ.

އިންޑިއާގެ ނޫހަކަށް ޝްރައްދާ ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ހަ އަހަރެއްހާ ދުވަސް ވަންދެން އޭނާ އެންޒައިޓީ އާ ހަނގުރާމަ ކުރި ކަމަށެވެ. އެންޒައިޓީ އަކީ ހަގީގަތެއް ނެތި ހިތް ބިރުގަތުމެވެ. މި ބިރުގެ ސަބަބުން އަތްފައި ފިނިވެ، ނޭވާ ކުރުވެ، އަދި ބުނެދޭން ނޭނގޭ ކަހަލަ ވޭންތަކެއް ހަށިގަނޑުގައި އަޅަ އެވެ.

ޝްރައްދާ ބުނި ގޮތުގައި އޭނާގެ މައްސަލައަކީ ކޮބައިކަން ނޭނގި ވަރަށް ގިނަ ދުވަހު އޭނާ ހުއްޓެވެ. ނަމަވެސް އެއީ އެންޒައިޓީކަން އެނގި މިހާރު އެއާއެކު އުޅެން ދަސްކޮށްފައިވާ ކަމަށެވެ.

ޝްރައްދާ ބުނި ގޮތުގައި އެންގްޒައިޓީގެ މައްސަލަތައް ކުރިމަތިވާން ފެށީ "އާޝިގީ 2" ރިލީޒްކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އޭނާއަށް އިހްސާސް ކުރެވެން ފެށި ތަދަކީ ހަގީގީ އެއްޗަކަށް ނުވި ނަމަވެސް އޭގެ ވޭން އޭނާއަށް ލިބެމުން ދިޔަ އެވެ.

"އަހަރެންނަށް ނުވެސް އެނގޭ އެންގްޒައިޓީ އަކީ ކޯޗެއް ކަމެއް ވެސް. އެގޮތަށް އެތައް އަހަރެއް ފާއިތުވީ އިރު ވެސް ވެގެން އުޅޭ ގޮތެއް ނޭނގުނު. ޑޮކްޓަރުންނަށް ދައްކައިގެން ވަރަށް ގިނަ ޓެސްޓްތައް ވެސް ހެދިން. އެކަމު ޑޮކްޓަރުން ބުނަނީ އަހަރެންގެ އެއްވެސް ސިއްހީ މައްސަލައެއް ނެތޭ. އެހެންވެ ވާނުވާ ނޭނގުމުން ވަރަށް ބިރުގަތް،" ޝްރައްދާ ބުންޏެވެ.

ޝްރައްދާ ބުނީ އެންގްޒައިޓީގެ މައްސަލަ ކޮންމެވެސް ވަރަކަށް އަދިވެސް ހުންނަ ކަމަށެވެ. ނަމަވެސް މިހާރު އެއާއެކު ދިރިއުޅެން އޭނާ ވަނީ ދަސްކޮށްފަ އެވެ.

"އެއީ ވެސް އަހަރެންގެ ހިއްސާއެއް ކަމަށް ގަބޫލުކޮށް ލޯތްބާއެކު އެއާ ކުރިމަތިލަނީ މިހާޜު،" ޝްރައްދާ ބުންޏެވެ.
ޝްރައްދާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޓްރީޓް ޑާންސާ 3ޑީ" އާއި "ބާޣީ 3" ހިމެނެ އެވެ. މީގެ ތެރެއިން "ސްޓްރީޓް ޑާންސާ 3ޑީ" ގެ ޝޫޓިން ވަނީ ނިމިފަ އެވެ. އަދި "ބާޣީ 3"ގެ ޝޫޓިން މިހާރު ފެށިގެން ކުރިޔަށް އެބަ ދެއެވެ.