ވިޔަފާރި

ކަލަ ބޭންކް ހޯމް، ހުޅުމާލޭގައި ހުޅުވައިފި

ކަލަ ބޭންކްގެ ތިން ވަނަ ރީޓެއިލް ފިހާރަ، "ކަލަ ބޭންކް ހޯމް" ހުޅުމާލޭގައި ހުޅުވައިފި އެވެ.

މިއަދު ހުޅުވި "ކަލަ ބޭންކް ހޯމް" ހާއްސަ ކުރީ ގޭތެރޭގައި ބޭނުން ކުރާ ސާމާނަށެވެ. އެގޮތުން، ގޭތެެރެ ޒީނަތްތެރި ކުރަން ބޭނުންކުރާ ތަކެއްޗާއި ބަދިގެ ސާމާނުގެ އިތުރުން، ފާރުގައި ހަރުކުރާ ވޯލްޕޭޕާ އަދި ވޯލް ޑެކޯވެސް ހިމެނެ އެވެ.

ކަލާ ބޭންކުގެ އާ ފިހާރަ ހުޅުއްވައިދެއްވީ ކޯ ލޯޑް މޯލްޑިވްސްގެ ޑިރެކްޓަރު އާސިމާ އަލީ އެވެ. ކަލަ ބޭންކް އަކީ ކޯ-ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ފިހާރަ އެކެވެ.

ފިހާރަ ހުޅުއްވައިދެއްވުމަށްފަހު ކޯ-ލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ މުހައްމަދު ހާނީ ވިދާޅުވީ، ކަލަބޭންކްގެ މި ފިހާރަ ހުޅުވީ، ކޯލޯޑްގެ ދަށުން ހިންގާ އޭސް ހާޑްވެއާ އަދި ކަލަބޭންގެ ފިހާރަތަކަށް މާލެ ނައިސް ހުޅުމާލެ އިން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

"މި ތަނުގެ ޕްރޮޑަކްޓް ރޭންޖް އަކީ އެމެރިކާގެ އިތުރުން ޔޫރަޕުން ގެނެސްފައި ހުންނަ ކޮލިޓީ، އަދި އެކަށިގެންވާ އަގެއްގައި ވިއްކާ އެއްޗެހި. މިހާރުގެ މޮޑަން ޓްރެންޑީ ހޯމްސްގައި ބޭނުން ކުރާ ކަހަލަ ފީލްގެ ޕްރޮޑަކްޓްސް މިތަނުން ލިބޭނެ،" ހާނީ ވިދާޅުވި އެވެ.

ކަލަ ބޭންކް އިން މައުލޫމާތު ދިން ގޮތުގައި ފިހާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ތިން މަސް ތެރޭގައި ގްރޭންޑް އޮޕެނިންއެއް ބާއްވާނެ އެވެ. އަދި، ފިހާރައިން އަލަށް ވިޔަފާރި ކުރާ ފަރާތްތަކަށް ފުރަތަމަ ހަފްތާގައި 15 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާއިރު، ހަފްތާއެއް ވަންދެން ފިހާރައިން ހިލޭ ކޮފީ ލިބޭނެ ކަމަށް މައުލޫމާތު ދިނެވެ.

އަލަށް ހުޅުވި ހުޅުމާލޭ ކަލަ ބޭންކް ހޯމް ހުންނާނީ ނިރޮޅުމަގު ވެސްޓޯރ އާ ޖެހިގެންނެވެ. ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ރޭގަނޑު ދިހައަކަށް އަދި ހުކުރު ދުވަހު ހަވީރު ހަތަރަކުން ރޭގަނޑު ދިހަ އަކަށެވެ.