ދިވެހި ޕްރެމިއާ ލީގް

ފޯކައިދޫ ބަލިކޮށް ނިލަންދޫ ފުރަތަމަ މޮޅު ހޯދައިފި

ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ފ. ނިލަންދޫ ސްޕޯޓްސް ކުލަބުން، ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ލީގު ބޮޑު ބުރޭކަށް މެދު ކަނޑާލުމަށް ފަހު ފޯކައިދޫ ކުރިމަތިލީ ބިދޭސީ ތިން ކުޅުންތެރިން ހަމަކޮށްގެންނެވެ. މެޗު އެ ޓީމު ކޮޅަށް އަނބުރާލުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އެ ކުޅުންތެރިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ނިލަންދުއަށް ކާމިޔާބު ކޮށްދިނީ އޮޑޮކޫ ލޫކަސް އެވެ. ހުސައިން ރާއިފް އަހްމަދު ނަގައިދިން ހުރަސް، ލޫކަސް ބޮލުން ގޯލްތެރެއަށް ބޯޅަ ފޮނުވާލީ ވަރަށް ފަސޭހަ ކަމާއެކު އެވެ. ފޯކައިދޫގެ ކުޅުންތެރިންނަށް އޭނާ ރަނގަޅަށް މާކު ނުކޮށް ހުރުމުން ފައިދާ ނަގައި ފަސޭހަ ކަމާއެކު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ފޯކައިދޫގެ ކީޕަރު ސާގިބް ހަނީފް ބޯމަތިންނެވެ.

މެޗުގެ ކުރިން ނިލަންދޫގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނެފައި ވަނީ ނިލަންދޫގެ ޓީމަށް އޮތް އެންމެ ބޮޑު ގެންޖެހުމަކީ ޕްރެކްޓިހަށް ޓީމުގެ ކުޅުންތެރިން ބަރާބަރަށް ހާޒިރު ނުވުން ކަމަށެވެ. މެޗުގައި އެކަން ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. މެޗުގެ ފުރަތަމަ 30 މިނެޓް ނިމުނުއިރު ނިލަންދޫގެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ފިޓްނަސް މައްސަލަ ކުރިމަތިވި އެވެ.

އެކަމުގެ ސަބަބުން ޓީމު އަތުގައި އޮތް ލީޑުގައި ހިފަހައްޓައެއް ނުލެވުނެވެ. ފޯކައިދޫއިން މެޗުގެ ތެރެއަށް ވަދެ އެ ޓީމު ކޮޅަށް ލީޑް އަނބުރާލި އެވެ. ފޯކައިދޫގެ ފުރަތަމަ ލަނޑު މެޗުގެ 43 ވަނަ މިނެޓްގައި ޔޫސްފު ޖުނައިދު ކާމިޔާބު ކުރީ މުސްތޮފާ މުހައްމަދު ސެޑިކް ނަގައިދިން ހުރަސް އޭރިއާގެ ތެރެއަށް ހުހަށް އަރައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުގެ ކުރިން ފޯކައިދޫއިން ލީޑް ނެގި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. އެ ޓީމުގެ މިސްރުގެ މިޑްފީލްޑާ ހަލީލް ގަމާލް، ނިލަންދޫގެ ހާފުގެ މެދެއްހާ ހިސާބުން ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއީލް (ފަރޭ) ކައިރިން ނައްޓާލައި ބޯޅަ ހޯދައި ބޯޅަ ނެގީ އޭރިއާ ތެރެއަށް ހުހަށް އެރި އޮގީ އަށެވެ. އޮގީ މާކު ކުރުމަށް ނިލަންދޫގެ ޑިފެންސުން އެއްވެސް ކަމެއް ނުކުރެ އެވެ.

ދެ ވަނާ ހަފުގައިވެސް ފޯކައިދޫން ރަނގަޅަށް ކުޅުނެވެ. ލަނޑު ޖަހާނެ ފުރުސަތު ތައް ތަނަވަސް ކުރި އެވެ. އެހެންނަމަވެސް ދެ ވަނަ ހާފުގައި އެންމެ ތަނަވަސް ފުރުސަތުތައް ލިބުނީ ނިލަންދޫ އަށެވެ. އެޓީމުގެ ލޫކަސްއަށްވެސް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބިފަ އެވެ.

ނިލަންދޫއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބުރޭކުގައި ޓީމާ އަލަށް ގުޅުނު މިޑްފީލްޑަރު ޖަޕާންގެ ޓޮށިކީ އޮކަމޯޓާ (ޓޮށީ) އެވެ. ނިލަންދޫގެ އަހްމަދު އުޝާމް އޭރިއާގެ އަރިމަތިން އަރައި އޭރިއާ ތެރެއަށް ނެގި ހުރަސް ހުސްކޮށް ހުރެ ޓޮށީ ވަނީ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

ދެ ޓީމުންވެސް ދެން ކުޅެމުން ދިޔައީ މެޗު އެއްވަރު ކޮށްލުމުގެ ވިސްނުމުގައި އެވެ. އެހެންނަމަވެސް މެޗުގެ އެންމެ ފަހު މިނެޓްގައި ނިލަންދޫ މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރީ ޓޮށީ އެވެ. އޭނާ އަށް ލިބު ބޯޅަ ހިފައިގެން އޭރިއާ އަށް ވަންނަން އުޅުމުން އޭރިއާގެ ބޭރުން ފޯކައިދޫގެ ކުޅުންތެރިން އޭނާ އަށް ފައުލު ކުރުމުން ބޯޅަ އޭނާ އަތުން ދޫވެ ވެއްޓުނެވެ.

އެހެންނަމަވެސް އަވަހަށް ތެދުވެ ބޯޅަ ހޯދުމުން ރެފްރީ ދެއްކީ އެޑްވާންޓޭޖެއް ކަމަށެވެ. ބޯޅަ ހޯދައި އޭނާ ބޯޅަ ނަގައިދިނީ އޭރިއާގެ ތެރޭގައި ހުރި ލޫކަސް އަށެވެ. އޭނަ ވަނީ އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.