މީހުން

ލޯތްބާއެކު، "ޕްރީލަވްޑް"!

މީގެ ވިއްސަަކަށް އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ. ދިވެހިން އުޅުނީ ހިިތްފަސޭހަ ސާދާ ދިރިއުޅުމެކެވެ. މާލެ އަށް ބަލާލި ކަމުގައި ވިޔަސް މިއަަދު ނުފެންނަ ކިތަންމެ މަންޒަރެއް ދިވެހިންގެ އުޅުމުން އޭރު ފެނެ އެވެ. އާއިލީ ގުޅުމާއި އަވައްޓެރިކަމުގެ ގުޅުމުން ފަށައިގެން ދިރިއުޅުމުގައި ހުރި ކުދި ކުދި ކަންކަންވެސް ތަފާތެވެ. ގޭތެރޭގެ މާހައުލާއި ވައްޓަފާޅިވެސް ހިމެނޭ ގޮތަށެވެ. އެކުގައި އެއް ސުފުރާއެއްގައި ކެއުމާއި އެކުގައި ނިދުމާއި އެކީ ސްކޫލަށް ދިއުމާއި މިކަހަލަ ދެތިން މިސާލެކެވެ. މީގެ ތެރެއިންވެސް އަދި ފުނަށް ޖެހިލާނަމެވެ. އެއް އާއިލާއެއް ވިއްޔާ އެކަކު ބޭނުންކުރާ އެއްޗެހި އެއްބަަނޑު ނުވަތަ އާއިލާގެ އެހެން މީހުން އޭރު ބޭނުން ކުރި އެވެ. ސްކޫލް ޓެކްސްޓު ފޮތްތަކާއި ލައި އުޅުުނު އަންނައުނަކީ މިކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ. އެއް އަހަރު ދައްތަ ބޭނުން ކުރާ ހެދުން ޖެހިގެން އަންނަ އަހަރު ކޮއްކޮ އަށް ލައްވާނެ އެވެ. ޝަކުވާއެއް ނެތި ލައިގެން ހުންނާނީވެސް އާ ހެދުމެއް ލެވުމުން ލިބޭ އުފަލާއި ހިތްހަމަ ޖެހުމާއެކު އެވެ. މިއީ އޭރު އާއްމު ކަމެކެވެ. މައްސަލަ އެއް ޖެއްސި ހަޑި ކަމަކަށްވެސް ނުވި ކަމެކެވެ.

މިއަދު ދިވެހިންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލުތަކާއެކު ބޭނުން ކުރާ އެއްޗެހީގެ އަގުތައްވެސް އަރައިގެން ދިޔައީ ބަލަބަލަ ހުއްޓަ އެވެ. ޒަމާނަށް ފެތުމުގެ ބޭނުމުގައި ހަރަދުތައް ގިނަ ކުރުންވެސް މައްސަލަ އަކަށް ނުވި އެވެ. ބައެއް ދިވެހިންގެ އާދައަކަށް ވެފަައިވާ "އޯވާ ޝޮޕިން"ގެ މި ޖެހިލުމެއް ނެތް މި ވިިސްނުން އަނބުރާލާ ޔޫޓާން އެއް ނަގަން ޒުވާނަކު މަސައްކަތް ފަށައިފި އެވެ.

އެހެން މީހުން ބޭނުންކޮށްފަައި ހުންނަ އަންނައުނު އަލުން ވިއްކި ދާނެ ހެއްޔެވެ؟ މީހުން ގަންނާނެ ހެއްޔެވެ؟ ބަލައިގަންނާނެ ހެއްޔެވެ؟ މި ހުރިހާ ސުވާލެއްވެސް ޝައިފާ އާދަމްގެ ސިކުނޑީގައި މި މަސައްކަތް ފެށި އިރު އެންމެ ފުރަތަމަ އެނބުރުނެވެ. އެހެންނަމަވެސް މި ސުވާލުތަކުގެ ޖަވާބު ހޯދަން ޖެހިލުމެއް ނުވި އެވެ. މީހުން ކިޔާނެ އެއްޗަކަށް ވިސްނުމެއް ނެތި ޝައުފާ އަށް ފެނުނީ މީގެ ފައިދާ އެވެ. ކުޑަ މަސައްކަތެއް ނަމަވެސް ކުޑަކުޑަ ކަމަކުން ތިމާވެއްޓަށް ކުރާނެ އަސަރާއި، ކުރިމަގުގައި އަންނާނެ ބޮޑު ބަދަލު ބުނެދޭން ބޭނުންވި އެވެ.

"އުޅެ ބޮޑުވިއިރު މިއީ އާއްމު ކަމެއް. އެކަކު ބޭނުންކޮށްފައި ހުންނަ އެއްޗެހި ލެއްވުން އެއީ ނޯމަލް ހަމަ. އޯލްޑް ވިންޓޭޖް ހެދުންތަަކަށް މާ ގަޔާވެސްވެވޭ. ދެން އޭގެ ފަހުން ކިޔަވަން ބޭރަށް ގޮސް އުޅުން އިރު ތްރިފްްޓިންގެ ކޮންސެޕްޓު އެނގުނީ. ތްރިފްޓް ސްޓޯސްގެ އަށް ގޮސް އެހެން ބޭނުންކޮށްފަައި ހުންނަ ހެދުން ގަނެ އަލުން ރީޔޫސް ކުރެވޭނެ. ހެޔޮ އަގެއްގައި ރަނގަޅު އެއްޗެހި ލިބޭނެ އެކަހަލަ ފިހާރަތަކުން. ވިއްކާއިރު ހުންނާނީ ޔޫސަބަލްތޯ ޗެކްކޮށް ދޮވެ ސާފްްވެސް ކޮށްފަައި"

ޝައިފާ އަށް ރާއްޖޭން ބޭރުން ފެނުނު މި ކޮންސެޕްޓް މިހާރު ރާއްޖޭގައި ނެތް ކަން ފާހަގަވީ އެނބުރި އައުމުންނެވެެ. މިކަހަލަ ކަމެއް ދިވެހިންގެ ލައިފްްސްޓައިލްގައި މީގެ ކުރިން ހުރި ނަމަވެސް އެ ހިޔާލެއް ގެއަކުން ބޭރެއް ނުވެ އެވެ. ޖަމްބަލް ސޭލްތަަކަކީ މި ކެޓަގަރީ އަށް ފިޓުވާ ކޮންސެޕްޓަކަށް ވިޔަސް ދެކޭ ގޮތާއި ހިޔާލު ދަށެވެ. މި ވިސްނުން މުޅިން ބަދަލުކޮށްލާ، އަންނައުނަށް ކުރަމުންދާ ހޭދައިގެ ބޮޑު ބައެއް ކަނޑާލެވޭނެކަން އަންގަން ބޭނުންވި އެވެ.

ޝައިފާ ބުނީ މާލޭގައި ވިއްކަން ހުންނަ އެއްޗެހީގެ އަގަށް ބަލާފައި އެއީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ގަނެލެވޭނެ އެއްޗިއްސަށް ނުވާއިރު ދެން ވިސްނީ ސެކަންޑް ހޭންޑް އެއްޗެހި ގަތުމަކީ ފަސޭހަ ދިރިއުޅުމަކަށް ދެވޭނެ އިތުރު ޗޮއިސް އެއް ކަމަށެވެ. އެއާއެކު ޝައިފާގެ ކުޑައިރު ލެއްވި ހެދުންތަކާއެކު ބޭރުން ފެނުނު ތްރިފްޓިންގެ ހިޔާލު އެއްކޮށް، "ޕްރީލަވްޑް" މި އަހަރު އުފެއްދީ އެވެ.

ޝައިފާ އުފެއްދި މި އިންސްޓަގްރާމް ޕޭޖުގައި އެތައް ބަޔެއްގެ އެތައް ހެދުމަކާއި ޓީޝާޓަކާއި ސޯޓަކާއި ޖިންސެއް އެބަ ހުއްޓެވެެ. ހެޔޮ އަގުގައި ގިނަ އެއްޗެހި ވިކިފަ އެވެ. ކޮންމެ މަހަކު އާ ހެދުން ގަނެ، ބާކޮށްލާ ހެދުން ކުނިގޮނޑަށް އެއްލާލުމުގެ ބަދަލުގައި ޝައިފާ އަށް ދޭ ކޮންމެ ހެދުމެއް އެބަ ވިއްކާލަ އެވެ. އަގުގެ 50 ޕަސެންޓަށް ވުރެން ބޮޑުބައި ކަނޑާ ދޮވެ ރީތިކޮށްފަ އެވެ. ހެދުން ހަދިޔާ ކުރުމުން ފަސް ރުފިޔާވެސް ލިބޭ ގޮތަށެވެ. އެއީ ކުޑަ ހަދިޔާ އެކެވެ!

މި މަސައްކަތަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމުގައި ވިޔަސް ބައެއް މީހުން އަދިވެސް ދެކޭގޮތް ތަފާތު ކަމަށް ޝައިފާ ބުންޏެވެ. މިއީ ބާ ހެދުން ވިއްކުން ކަމަށް މެދުއުމުރުފުރައިގެ ބައެއް މީހުން ދެކޭ ކަމަށާއި އެހެންނަމަވެސް އުއްމީދަކީ އެ ވިސްނުންވެސް ބަދަލު ކުރުން ކަމަށް ބުންޏެވެ.

"ރުއްގަނޑު ފެސްޓިވަލްގައި އެއްޗެހި ވިއްކަން ބަހައްޓާފައި ހުރި އިރު، މެދު އުމުރު ފުރައިގެ މީހުން ޖެހިލުންވި ގަންނަން ބޭނުންކޮށްފަައި ސެކަންޑް ހޭންޑް އެއްޗެހި ކަން އެނގުނީމަ. އެކަމަކު މިހާރު މި ކޮންސެޕްޓް އާއެއްޗެހި އެނގެމުން ބުނެދެވެމުންދާ ވަރަކަށް އަހަރުމެން މި ދެކޭ ގޮތް ބަދަަލުވެދާނެ" ޝައިފާ ބުންޏެވެ.

އަވަސް އަށް ދިން އިންޓަވިއު ޝައިފާ ނިންމާލީ މުހިއްމު މެސެޖެއްވެސް ދެމުންނެވެ. ޝައިފާ ބުނި ގޮތުގައި ދުނިޔޭގެ ދެވަނަ އަށް އެންމެ ޕޮލިއުޓިން އިންޑަސްޓްރީ އަކީ ފެޝަން އިންޑަސްޓްރީ އެވެ. އެންމެ ކުނި އުފައްދަނީ މި ދާއިރާ އިންނެވެ. ކުނި ގިނަ ނުކޮށް ދުނިޔެ ސަލާމަތް ކުރަން ބޭނުން ކަމުގައި ވާނަމަ މިކަހަލަ ކުޑަކުޑަ ކަމަކުން ނަމަވެސް ފިޔަވަޅެއް އަޅަން މިހާރު މަޖުބޫރު ވެއްޖެ ކަމެވެ. އަދި ބޭނުންކޮށްފައި ހުރި އަންނައުނު ލޯތްބާއެކު އަލުން ބޭނުން ކުރުމަކީ އިކޯ ފްރެންޑްލީ އަދ ޖީބަށްވެސް އެންމެ ލުއި ގޮތް ކަމަށް ޝައިފާ ބުންޏެވެ. އަދި ހާއްސަކޮށް ސެކަންޑްހޭންޑް އަންނައުނު ބޭނުން ކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށް ބުންޏެވެ.