މިސްރު

ސީސީގެ އިސްތިއުފާއަށް ގޮވާލި މުޒާހަރާގެ ބަޔަކު ހައްޔަރުކޮށްފި

މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީގެ އިސްތިއުފާއަށް ގޮވާލައި އެ ގައުމުގެ މަގު ތަކުގައި މުޒާހަރާ ކުރަން ނުކުން މީހުންގެ ތެރެއިން 74 މީހަކު ހައްޔަރުކޮށްފި އެވެ.

ސީސީގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިސްރުގައި ހަނިކޮށްފައި ވަނިކޮށެވެ. މުޒާހަރާ ކޮށްފައިވަނީ އިޖިޕްޓުގެ ވެރިރަށް ކައިރޯ ނުވަތަ ގާހިރާގެ މަޝްހޫރު ތަހްރީރު މައިދާނުގަ އެވެ. ތަހްރީރު މައިދާނުގައި ސީސީއާ ދެކޮޅަށް މުޒާހަރާކުރީ މީގެ އަށް އަހަރު ކުރިން މިސްރުގެ ވެރިކަމުގައި ހުރި ހުސްނީ މުބާރަކް އާ ދެކޮޅަށް ރައްޔިތުން ނުކުންކަން ސީސީއަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެނެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި 74 މީހުން ދޫކޮށްލުމަށް ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ގޮވާލާފަ އެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ހިމާޔަތް ކޮށްދިނުމަށް އެދި މިސްރުގެ ސަރުކާރަށް ގޮވާލާފަ އެވެ. ހިއުމަން ރައިޓް ވޮޗުން ބުނީ، މިސްރުގެ ހާލާތު ދުނިޔޭގެ ގައުމުތަކުން ވަރަށް ގާތުން ބަލަމުންދާކަން މިސްރުގެ ސަރުކާރަށް އެގެން ޖެހޭނެ ކަމަށެވެ. އަދި މާޒީގައި ހިނގައިދިޔަ ފަދަ އަނިޔާވެރި ގޮތަކަށް ކަންކަން ވިޔަނުދޭން މިސްރުގެ ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ.

ސީސީއާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައި މިވަނީ، ސްޕެއިންގައި ދިރިއުޅޭ މިސްރުގެ ކޮންސްޓްރަކްޝަން ވިޔަފާރިވެރިއަކު ސީސީގެ ކޮރަޕްޝަނުގެ އަމަލްތަކެއް ފަޅާ އަރުވާލުމުންނެވެ. ސީސީގެ ކޮރަޕްޝަންގެ އަމަލްތަށް ފަޅާ އަޅުވާލި މުހައްމަދު އަލީ ވަނީ ސީސީގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރަން މަގުތަކަށް ނުކުންކަން މިސްރުގެ ރައްޔިތުންނަށް ގޮވާލާފަ އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން 2013 ވަނަ އަހަރު ވަނީ އަސްކަރީ ބަޣާވާރަކުން ވައްޓާލާފަ އެވެ. އޭރު ސިފައިންގެ ވެރިއަކަށް ހުންނެވީ ސީސީ އެވެ. މުރްސީގެ ވެރިކަން ވެއްޓުމާ ގުޅިގެން ބޭއްވި އިންތިހާބުގައި ސީސީވަނީ ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު ދިޔައީ އަސާސީ ގިނަ ހައްގުތަކެއް ހަނި ކުރަމުންނެވެ.

އެގޮތުން ސީސީގެ ވެރިކަމާ ދެކޮޅަށް ބަސްބުނާ އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ޖަލު ބަންދުގައި ބަހައްޓާފަ އެވެ. މީގެ އިތުރުން ދެހާސް ތޭރަ ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން މިސްރުގައި މުޒާހަރާކުރުން ވަނީ މަނާކޮށްފަ އެވެ.