މާލޭގައި ހުރި ކެމިކަލް ގުދަންތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ތިން މަސް ވަރު ނަގާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން މާލޭގައި ތަރައްގީކުރަން ފަށާފައިވާ ސިނާއި ސަރަހައްދަކީ ކެމިކަލް ރައްކާކޮށް ސިނާއި މަސައްކަތް ކުރަން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެތަނުގައި ސިނާއި މަސައްކަތް ފަށަައިފިނަމަ އެތަކެއް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެގޮތުން އަސްލަމް ވިދާޅުވީ، ސިނާއި ސަރަހައްދުގައި މަސައްކަތް ފަށައިފިނަމަ، ރިންގް ރޯޑުގައި ޓްރެފިކަށް ބާރު ބޮޑުވެ މަގުގައި އުޅަނދުތަށް ތޮއް ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ، ސިނާއި ސަރަހައްދުގެ މަސައްކަތް ކުރުމަށް ބޯޓުފަހަރު ވަންނާނެ އެކަށީގެންވާ ބަނަދަރެއް ނުހެދޭނެ ކަމަށް އެތަނުގެ ވޯޓޯ ބްރޭކުގެ މަސައްކަތް ކުރި ޖަޕާނުން ކުންފުނިން ބުނެފައިވާ ކަމަށެވެ. އަދި އެކުންފުނީގެ އެންގުމާ ހިލާފަށް އެތަނުގައި ނެރު ކެނޑުމުގެ ސަބަބުން ދިމާވި ގެއްލުންތަށް އަދިވެސް ފެންނަން އެބަހުރި ކަމަށެވެ.
ތިން މަސް ތެރޭގައި މާލެގެ މީހުން ދިރިނޫޅޭ ހިސާބަށް ކެމިކަލް ގުދަންތަށް ގެންދެވޭނެ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، ކެމިކަލް ރައްކާ ކުރާނެ ވަކިތަނެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ހުޅުމާލޭގެ ޕޭސް ދޭގައި ހަދަމުންދާ ސިނާއި ސައިޓުތަކަށް ކެމިކަލް ގުދަން ބަދަލުކުރާ މޭރުމަކުން އަސްލަމް ވަނީ ވާހަކަފުޅު ދައްކާފަ އެވެ.
އަސްލަމް ވިދާޅުވީ، މާލޭގައި ސިނާއި ސަރަހައްދެއް ގާއިމްކުރި އިރު ހުޅުމާލެ މާލެ ބްރިޖުގެ މަސައްކަތް ވަނީ ނިމެން ކައިރިވެފައި ކަމަށެވެ. އަދި ވިދާޅުވީ އޭރު ޕޭސް ދޭ ހިއްކަމުން ދިޔައީ ސިނާއި ސައިޓުތަކެއް ވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން މާލޭގައި ކޮންމެހެން ކެމިކަލް ރައްކާކޮށް ސިނާއި މަސައްކަތް ކުރަން ތަނެއް ބޭނުންނުވާ އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަށް ތަރައްގީކޮށް މާލެއަށް ތޮއްޖެހުން ކުޑަ ކުރުމަށް 10 އަހަރާއި 15 އަހަރު ނަގާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ދިގު ރަސްތާ ޕްލޭނެއްގެ ދަށުން ވެރިކަން ބަދަލުވިޔަސް ޕްލޭނެއް ހުރަސް ނާޅައި ކުރިއަށް ގެންދިޔުމުން ކަމަށެވެ. އަސްލަމް ވިދާޅުޥީ، ވެރިކަން ބަދަލުވުމާއެކު ކުރީ ސަރުކާރުތަކުން އަތޮޅުތަކުގެ ތަރައްގީއަށް ރާވާފައިވާ ޕްލޭންތަށް ކުރިއަށް ނުގެންދާނަމަ ދުވަހަކުވެސް އަތޮޅުތަށް ތަރައްގީނުވާނެ ކަމަށެވެ.
އަދި ވިދާޅުވީ، އަތޮޅުތަށް ތަރައްގީ ކުރެވުނު ކަމުގައިވިޔަސް މިހާރު މާލޭގައި މިއޮތް އާބާދީ ވަކި ކުޑައެއް ނުވާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ، ވެރިކަން ކުރާ ރަށަކަށް ނުވަތަ ސިޓީއަކަށް ދިރިއުޅުން ބަދަލުކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ ފަދައިން ރާއްޖެގައި ވެސް އޮންނަ ގޮތް ކަމަށެވެ. އަދި ވެރިކަން ކުރާ ރަށުން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރަނީ ވަރަށް މަދުން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.