އެސްޓީއޯ

އެސްޓީއޯ މުވައްޒަފުން ހިނގާފައި އޮފީހަށް!

Sep 24, 2019
12

ދުއްވާ އެއްޗެއް ނެތިއްޔާ ވަރަށް ގިނަ މީހުނަށް ދަތިވެ އެވެ. ކޮންމެ މީހަކު ސައިކަލެއް ހޯދަނީ އެހެންވެ އެވެ. ދެން ކުރިމަތިވާ މައްސަލައަކީ މީހާ ބުރަހެލިކަން ބޮޑުވުމާއި ވެށި ނުސާފުވުމެވެ. ދުން ބޯވުމެވެ. މިކަމަށް ހައްލެއް ބޭނުންވިއަސް އެ ކަމަށް އިސް ނަގާ ހޭލުންތެރި ކުރުވާނެ ބަޔަކު އަދިއެއް ނުފެނެ އެވެ. ނަމަވެސް މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވަން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ މިސާލެއް ދައްކާފަ އެވެ. އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މިއަދު އޮފީހަށް ދިޔައީ ހިނގާފަ އެވެ. ސައިކަލާއި ކާރުތައް އޮތްތަނެއްގައި ޕާކުކޮށްފަ އެވެ.

"މި ގޮތަށް މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ދުޅަހެޔޮ ސިއްހަތަކަށް ހޭލުންތެރި ކުރުވުމާއި ފަރުދީ ޒިންމާ ހަނދާން ކޮށްދީ ތިމާވެށި ހިމާޔަތް ކުރަން ބާރު އެޅުން،" އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

"ވޯކްޓު ވޯކް" ގެ ނަމުގައި އެސްޓީއޯއިން މިއަދު ކުރިއަށް ގެންދާ ހަރަކާތުގައި އެ ކުންފުނީގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން ބައިވެރިވި އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި ސީނިއަ މެނޭޖުމަންޓުގެ ބޭފުޅުން ވެސް މިއަދު އޮފީހަށް ވަޑައިގަތީ ފައިމަގުގައި ހިންގަވާފަ އެވެ.

މިއީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން މިފަދަ ދުވަހެއް ފާހަގަ ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ކުންފުނިން ކުރިން ވެސް ތިމާވެއްޓަށް ހޭލުންތެރި ކުރުވަން މަސައްކަތްތަކެއް ކުރެ އެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކަން އިތުރު ކުރަން ވެސް ގިނަ މަސައްކަތް ތަކެއް ކުރެ އެވެ.ކުންފުނިން ކޮންމެ އަހަރަކު ވެސް ވަކި ދުވަސް ތަކެއް ކަނޑައަޅައި ސާފު ކުރުމުގެ ބޮޑެތި ކެމްޕޭންތައް ވެސް ކުރިއަށް ގެންދެ އެވެ.

ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅު ގެންދިއުމުން އެ ކުންފުނީގެ އައުޓްލެޓް ތަކުން ޑިސްކައުންޓް ދެ އެވެ. އެ ގޮތަށް ނިންމީ، ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމުގެ އެންމެ މުހިއްމު ކަމަކަށްވާނީ އާދަކާދައަށް ބަދަލު ގެނައުން ކަމަށްވާތީ ގެއިން ކޮތަޅު ހިފައިގެން ބާޒާރު ކުރަން ދިއުމުގެ އާދަ މީހުންގެ ކިބައިގައި އަށަގަންނުވާށެވެ.

ސާޅީސް އަހަރުގެ ދިގު ތާރީހެއް އޮތް އެސްޓީއޯގައި 2,140 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެތެރެ އިން ބޮޑު ބަޔަކީ ދިވެހިންނެވެ. އެ އެންމެން ވެސް މިއަދު އޮފީހަށާއި މަސައްކަތަށް ދިޔައީ ފައިމަގުގަ އެވެ.