އދ.ގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުއުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށް ކަމުގަ އެވެ.
ރައީސް އޮފީހުން ބުނީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އިތުރު ގައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށް އެ ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ދެންނެވި ކަމަށެވެ.
އަދި މީގެ ކުރިން ދެ ގައުމުން އިގުތިސޯދީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ދެ ގައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާ ކަމަށް ވެސް ދެންނެވި އެވެ.
"... މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ، ބައިނަލްއަގުވާމީ މައިދާނުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ކްލައިމެޓް އެކްޝަން ސަމިޓް ގައި އިންޑިއާއިން އަދާ ކުރަމުންދާ ދައުރު ފާހަގަ ކުރައްވައި، އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ، ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
ދެ ބޭފުޅުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުއުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އދ. ގެ އާއްމު މަޖިލީހަކީ މިކަމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަ ކުރައްވާފަ އެވެ.
އަދި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ދަމަހައްޓައި، މި ގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރަން އުންމީދު ކުރައްވާ ކަމުގައި ދެ ބޭފުޅުން ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަމުން ގެންދަވަނީ އިންޑިއާއާ އެވެ. އެ ގޮތުން އެމަނިކުފާނު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު މޯދީ ވަޑައިގެންނެވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެވެ.
ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން ފަހުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ރާއްޖެއަށެވެ. މޯދީގެ ރާއްޖެ ވަޑައިގަތުމުން ނިޝާން އިއްޒުއްދީންގެ ލަގަބު މޯދީއަށް ވަނީ އަރުވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މޯދީ ވަނީ ތަގުރީރު ކުރައްވައިފަ އެވެ.
އެ ދަތުރުފުޅުތަކުގައި ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރި އެވެ. އޭގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރަން އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމި އެވެ.