ހަބަރު

މަޖިލީހުގައި މޯދީ ތަގުރީރުކުރައްވާނީ ހިންދީ ބަހުން

Jun 8, 2019
4

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވާނީ ހިންދީ ބަހުންކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

މޯދީ ތަގުރީރު ކުރައްވަން ބާއްވާ ޖަލްސާ މިރޭ 6:45 އަށް ހަމަޖެހިފައިވާއިރު، މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "އަވަސް" އަށް ވިދާޅުވި އެވެ.

މޯދީ ތަގުރީރު ދެއްވަމުން ގެންދަވާއިރު، މަޖިލީސް މެންބަރުންނަށް ވަގުތުން ދިވެހި ތަރުޖަމާ އަޑުއިވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ޒިޔާއު ވިދާޅުވި އެވެ. އަދި ޓީވީތަކުން އެ ތަގުރީރު ވަގުތުން ދައްކާ އިރުވެސް، ތަގުރީރުގެ ދިވެހި ތަރުޖަމާ ގެނެސްދެވޭނެ އިންތިޒާމްތައް ބަލަމުން އަންނަކަމަށް ޒިޔާއު އިތުރަށް ވިދާޅުވި އެވެ.

"ބައިވަރު ޗެނަލްތަކަށް ފީޑް ދޭންޖެހޭތީ ދަތިތަކެއް އެބަހުރި. އެކަމަކު ޓީވީތަކުން ލައިވްކުރާއިރު ތަރުޖަމާ އަޑުއިވޭނެ ގޮތެއްވޭތޯ ބަލަމުން މިދަނީ،" ޒިޔާއު ވިދާޅުވި އެވެ.

މޯދީ އަކީ ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަންނަވާ ދެވަނަ ބޭރު ދައުލަތެއްގެ ވެރިޔާ އެވެ. މީގެ ކުރިން އެ ޝަރަފު ލިބިވަޑައިގެންނެވީ، 2011 ވަނަ އަހަރު އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އަށެވެ.

މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު، މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި ހަވީރު 4:00 ގަ އެވެ.

އެއަށްފަހު ރައީސް އޮފީހަށް ވަޑައިގެން އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު، ދެ ބޭފުޅުން ބާއްވަވާ ޖޮއިންޓް ޕްރެސް ކޮންފަރަންސްގެ ކުރިން، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކުގެ އިތުރުން، ޅ. މާފިލާފުށީގައި ގައިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސިސްޓަމް އިފްތިތާހު ކުރައްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ހަ ދާއިރާއަކުން ފަސް އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މޯދީގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖޭން ފުރާވަޑައިގެންނެވުން ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.