ހަބަރު

އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭން ފުރާވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

މޯދީ ރާއްޖެވަޑައިގެންފައިވަނީ އިއްޔެ މެންދުރުފަހު އެވެ. ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވުމަށްފަހު މޯދީގެ ފުރަތަމަ މަންޒިލަކީ ރާއްޖެ އެވެ. ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ އަވައްޓެރި ސްރީލަންކާ އަށެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން ދިވެހި ސިވިލް ސާވިސްގެ 1000 މުވައްޒަފުން ތަފާތު ދާއިރާތަކުން ތަމްރީނު ކުރުމަށާއި އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ނިޒާމް ގާއިމްކުރުމާއި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

މީގެ އިތުރުން ހައިޑްރޯގްރަފީ އަދި އޯޝަން އިކޮނޮމީއާ ގުޅޭ އެއްބަސްވުމާއި ވައިޓް ޝިޕިން އިންފޮމޭޝަން ހިއްސާކުރުމަށް ދެގައުމުގެ ދިފާއީ ބާރުތަކާ ދެމެދު ވެވުނު އެއްބަސްވުމާއި ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

މޯދީއަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބުވެސް އަރުވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގައި ތަގުރީރް ކުރައްވާފަ އެވެ.

ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ނައިބް ރައީސް ފައިސަލް ނަސީމާއި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ ފަރާތުން ވަނީ މޯދީއަށް ފުރަމާނަ ޖާފަތެއް އަރުވާފަ އެވެ. އެ ޖާފަތް ބާއްވާފައިވަނީ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.