އަހުމަދު ރިލްވާން

ރިލްވާން މައްސަލަ: އެންއައިސީގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަނީ

ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލާގައި ފުލުހުންގެ އިހުމާލުތައް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ މަޖިލީހުން ބެލުމަށް މިދިޔަ ޖޫން މަހު މަޖިލީހުގެ ތަޅުމުން ފާސް ކުރި އެވެ. އޭގެ ފަހުން މަޖިލީހުގެ 241 ކޮމިޓީން ދަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލުތައް ބަލައި ދިރާސާ ކުރަމުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެންއައިސީއިން ރިލްވާންގެ މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވެފައި ވޭތޯ ބަލާފައިވާތީ އެ ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރާށެވެ.

ނަމަވެސް ކޮމިޓީއަށް ހާޒިރު ކުރާނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ. ބައްދަލުވުމުގެ ބާކީ ބައި ކުރިއަށް ގެންދިޔައީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް އެ ކޮމިޓީއަށް އެންއައިސީގެ މެންބަރުން ހާޒިރު ކުރަން ނިންމިއިރު، އެ މައްސަލާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް އެއްވެސް ހެއްކެއް ގަރީނާއެއް ލިބިފައި ނުވާ ކަމަށް އެންއައިސީން މީގެ ކުރިން ބުނެފައިވެ އެވެ.

ނަމަވެސް ރިލްވާންގެ މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ރިލްވާނަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް އޭނާ ރަހީނު ކުރުމުގެ ކުރިން އެނގިފައިވެ އެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އަދި އޭނާ ގެއްލުނު ފަހުން، ސީރިއާއަށް ގޮސް ރިލްވާން މަރުވި ކަން ދައްކަން ޕާސްޕޯޓެއް ހަދަން އިންޓެލް ދެ ފުލުހަކު މަސައްކަތް ކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. މަޖިލީހުގެ 241 ކޮމިޓީން ދަނީ އެ ރިޕޯޓް ވެސް ދިރާސާ ކުރަމުންނެވެ.