އަހުމަދު ރިލްވާން

ރިލްވާންގެ މައްސަލަ: އެންއައިސީ ހާޒިރު ކުރުން ފަސްކޮށްފި

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުން ހާޒިރު ކުރަން މިއަދު ތާވަލު ކުރި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އެއްވެސް އިހުމާލެވެފައި ވޭތޯ މަޖިލީހުން ބަލަން މިދިޔަ ޖޫން މަހު މަޖިލީހުގެ ތަޅުމުން ފާސް ކުރި އެވެ. އޭގެ ފަހުން މަޖިލީހުގެ 241 ކޮމިޓީން ދަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލުތައް ބަލައި ދިރާސާ ކުރަމުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި ވަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވެފައި ވޭތޯ އެންއައިސީއިން ބަލާފައިވާތީ އެ ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރާށެވެ. ނަމަވެސް މިއަދު ހެނދުނު 11:00 އަށް ތާވަލުކޮށްފައިވާ އެ ބައްދަލުވުން ކެންސަލް ކުރީ އެވެ. ސަބަބެއް ނުބުނެ އެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން 241 ކޮމިޓީއަށް އެންއައިސީގެ މެންބަރުން ހާޒިރު ކުރަން ނިންމާފައިވާއިރު، އެ މައްސަލާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް އެއްވެސް ހެއްކެއް އަދި ގަރީނާއެއް ލިބިފައި ނުވާ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.

މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ރިލްވާނަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު އޭނާ ރަހީނު ކުރުމުގެ ކުރިން ފުލުހުންނަށް އެނގިފައިވެ އެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޕޯޓްގައިވެ އެވެ.

ރިލްވާން ގެއްލުނު ފަހުން، ސީރިއާއަށް ގޮސް ރިލްވާން މަރުވި ކަން ދައްކަން ޕާސްޕޯޓެއް ހަދަން އިންޓެލްގެ ދެ ފުލުހަކު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. ކޮމިޓީން ދަނީ އެ ރިޕޯޓް ވެސް ދިރާސާ ކުރަމުންނެވެ.

ރިލްވާންގެ މައްސަލާގައި 241 ކޮމިޓީން ބޭއްވި ބައްދަލުވުންތައް ކުރިއަަށް ގެންގޮސްފައި ވަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. ކޮމިޓީއެއް ސިއްރު ކުރެވޭނީ އެ ކޮމިޓީއެއްގައި ތިއްބަވާ މެންބަރުންގެ މެދުގައި ވޯޓެއް ނަގައި އެ ގޮތަށް ފާސް ކުރުމުންނެވެ.