ހަބަރު

ރިލްވާންގެ މަރު: ދެ ފުލުހުން ވަކި ކުރީ އަދީބު އަތުން ފައިސާ ނެގި މައްސަލައެއްގައި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ތުހުމަތުތަކެއް ކޮށްފައިވާ އިންޓެލް ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެހެން މައްސަލައެއްގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި އެ ދެ ފުލުހުންގެ މައްޗަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތްޕުޅުން ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރެ އެވެ. އަދި ވިދާޅުވީ ދެ ފުލުހުން ވަޒީފާއިން ވަކިކުރީ އެ މައްސަލައާ ގުޅިގެން ކަމަށެވެ.

"ކޮމިޝަނުން އެކުލަވާލި ރިލްވާންގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެންނެއް ނޫން އަދި ވަކި ކުރެވުނީ ވެސް، މިހާރު ދެން ފުލުހުންނެއް ވެސް ނޫން އެއީ، ދެ މީހުން ވަކިކުރީ އަދީބުގެ އަތުން ފައިސާ ނެގި މައްސަލައެއްގައި،" ހަމީދު ވިދާޅުވި އެވެ.

ހަމީދު އެހެން ވިދާޅުވިއިރު، ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން އެ ދެ އިންޓެލިޖެން ފުލުހުންނާއި އަދީބާ ގުޅިގެން ވަނީ ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާ ކަން ދެއްކުމަށްޓަކައި ފޭކް ޕާސްޕޯޓެއް ހަދަން މަސައްކަތް ކޮށްފަ އެވެ.

ރިޔާސީ ކޮމިޝަންގެ އެ ރިޕޯޓްގައި އެ ދެ ފުލުހުންނަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އެ ދެ ފުލުހުން ހައްޔަރު ކުރަން ވެސް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް އެންގެވި އެވެ.

ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ ދެ ފުލުހުން ހައްޔަރެއް ނުކުރެ އެވެ. އަދި އެ ފުލުހުން ހައްޔަރު ކުރުމަށް އެދި ކޯޓު އަމުރަކަށް އެދުމުގެ ބާރު ވެސް އޮތީ ރިޔާސީ ކޮމިޝަނަށް ކަމަށް ހަމީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.