ޓެރަރިޒަމް

ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގައި އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ދެނީ

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ވަރަށްވުރެ އިތުރު ކަންކަން ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ކަނޑައަޅައި، އެ ކުށްތައް ތުހުމަތުވާ މީހާ ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.

އެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް އަދި 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭ ގޮތަށް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ އެފަދަ ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ މީހާއާއި އޭނާއާ ގުޅުން ހުރި ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ ކަމަށް ބިލުގައިވެ އެވެ.

ބިލުގައިވާ ގޮތުން ހައްޔަރު ކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް 48 ގަޑިއިރު ފަހުން ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ހާޒިރު ކުރަން ޖެހެ އެވެ. އަދި ކޯޓު އަމުރު ނެތި ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރަން ވާނީ ސަބް އިންޕެކްޓަ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކްގެ ފުލުސް އޮފިސަރެއްގެ ހުއްދައާއެކު ކަމަށް ބިލުގައިވެ އެވެ.

ޓެރަރިޒަމްގެ ބޮޑު ކުށަކަށް ތުހުމަތު ކުރެވޭ މިހާ ބަލައި ފާސްކުރާއިރު، އެ ކުށަކާ ގުޅުން ހުރި އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، ކޯޓު އަމުރެއް ނެތި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ ކަމަށް ބިލުގައިވެ އެވެ. އެ ކަން ވެސް ކުރެވޭނީ ސަބް އިންސްޕެކްޓަ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކްގެ އޮފިސަރެއްގެ ހުއްދަކާއެކު އެވެ.

ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގައިވާ ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމަކީ ކުށެއް، އެކަމު ހައްޔަރު ކުރެވޭނީ އަމުރަކާއެކު

މީގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅު ކުރުން ފަދަ ކަންކަން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނައިފަ އެވެ.

އެ ގޮތުން އެފަދަ ޖަމާއަތްތަކަށް ތާއީދުކޮށް ބާއްވާ ބައްދަލުވުންތަކުގައި އެނގިހުރެ ބައިވެރިވެ، ވާހަކަ ދެއްކުމާއި ތަގުރީރު ކުރުމާއި އަދި އަދި އެފަދަ ބައްދަލުވުންތައް ރޭވުން ނުވަތަ އިންތިޒާމު ކުރުމާއި އެ ކަމަށް އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ. އެ ކުށްތަކުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.

އާންމު ތަނެއްގައި އެ މީހަކު ބޭނުން ކުރާ އަންނައުނެއްގައި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރަން ދޭހަވާ ގޮތަށް ލިޔުމެއް ނުވަތަ ފޮޓޯއެއް އޮތުމާއި އެފަދަ ލިޔުންތަކާއި މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ބޭނުން ކުރުމާއި އާންމު ކުރުމަކީ ވެސް ބިލުގައި ކުށެކެވެ. އެ ކުށްތަކުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.

މި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރެއް ފުލުހުންނަކަށް ނުލިބެ އެވެ. މިފަދަ ކުށްތަކަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ބޭނުންވާނެ ކަމަށް ބިލުގައިވެ އެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން ނުވަތަ ތަމްރީނެއް ހޯދަން އުޅުނު ކަމަށް ތުހުމަތު ކުރެވިއްޖެނަމަ ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.