ޖޭއެސްސީ

މަގޫދޫ ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަނީ

ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނުގެ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމައިފި އެވެ.

ޖޭއެސްސީން މި ނިންމުން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ 66 ވަނަ ބައްދަލްވުމުގައެވެ.

އެ ކޮމިޝަނުން ބުނީ މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީން ފޮނުވާފައިވާ 23 މައްސަލައެއް މިއަދުގެ ބައްދަލްވުމަށް ތާވަލުކުރިކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އެގޮތުން ބަަލަން ނިންމާފައިވަނީ މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނުގެ ސުލޫކީ މައްސަލައެއްކަމަށެވެ.

ދާދިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތައް ބެލުމަށްފަހު ބައެއް ފަނޑިޔާރުން ވަކިކުރުމަށް ވެސް ޖޭއެސްސީން ވަނީ ލަފާދީފަ އެވެ. އެ ލަފަޔާ އެއްގޮތަށް މަޖިލީހުން ފާސްކޮށް ބައެއް ފަނޑިޔާރުން މިހާރު ވަނީ މަގާމުންވެސް ދުރުކޮށްފައެވެ.

އޭގެ ތެރޭގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވަ އެވެ.