އެޗްއާރްސީއެމް

48 ގަޑިއިރުތެރޭ ރިމާންޑު ޖަލު ބަންދުކުރަން އަންގައިފި

Sep 24, 2019

ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މާލޭޖަލު އެނެކްސް -- ރިމާންޑު ޖަލު ގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން ރައްކާތެރި ތަނަކަށް ބަދަލުކޮށް، ޖަލު ބަންދު ކުރަން އެޗްއާރްސީއެމުން ކަރެކްޝަނަަށް އަންގައިފި އެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިމާންޑު ޖަލުގެ ހާލަތު އެ ކޮމިޝަނުން ބަލައި މިދިއަ އޭޕްރީލް 11 ގައި އެ ޖަލު ބަންދު ކުރަން އެންގި ކަމަށެވެ. އަދި އޭގެ ފަހުން އޭޕްރީލް 15 ގައި ޖަލު ބަންދުކުރި ކަމަށް ކަރެކްޝަނުން އެންގި ކަމަށެވެ. އެހެން ނަމަވެސް އެޗްއާރުސީއެމުން އިއްޔެ ރިމާންޑު ޖަލަށް ދިޔައިރު ވެސް އެތަނުގައި 25 ގައިދީ އަކާއި ބަންދު މީހަކު ތިބި ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ކުރިން އެ ޖަލަށް ކޮމިޝަނުން ޒިޔާރަތް ކުރިއިރު އެތަނުގެ ހާލަތު ހުރި މިންވަރަށްވުރެ، މިހާރު އެތަނުގެ ހާލަތު ދަށް ކަމަށާއި ޖަލުގެ ތެރޭގައި ބާ ދަގަނޑާއި ހިލަ އާއި ވެލި ގޯނިތައް ހުރި އިރު ގޮޅިތަކުގައި ހިރަފުސް ބޯވެ، ގޮޅިތައް ސާފުތާހިރުކަން ގެއްލިފައިވާ ކަމަށެވެ.

އަދި ބުނީ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލު ކުރުމަކީ ރައްޔިތުންގެ މައްޗަށާއި ގާނުނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް ލާޒިމު ކުރާކަމެއް ކަމަށް ކޮމިޝަންގެ ގާނޫނުގައި ބަޔާން ކޮށްފައިވާތީ، އެ ޖަލު ބަންދުކުރަން އަންގާ ކަމަށެވެ.

''... ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި ގުޅިގެން މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެންކްސްގައި ތިބި ގައިދީންނާއި ބަންދު މީހުން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށާއި ރިމާންޑް ޖަލުގައި އެއްވެސް ގައިދީއެއް އަދި ބަންދު މީހެއް ބަންދު ނުކުރުމަށް މި ކޮމިޝަނުން ވަނީ އަންގާފައެވެ.''