ކ. ހިންމަފުށި އައްސޭރި ޖަލުގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ތަނުގެ ހާލަތާ ގުޅޭގޮތުން އެޗްއާރްސީއެމުން ރިޕޯޓް ތައްޔާރުކުރުމުގައި އަމަލުކުރި ގޮތާ މެދު ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ކަންބޮޑުވެވަޑައިގެންފި އެވެ.
އެޗްއާރްސީއެމުން މިދިޔަ އަހަރުގެ ނޮވެމްބަރު 8 އިން 10 އަށް އައްސޭރި ޖަލަށް ޒިޔާރަކޮށް އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ އައްސޭރި ޖަލުގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ތަނަކީ ޖަލުތަކާއި ޕެރޯލް ގާނޫނާއި ދަ ނެލްސަން މަންޑޭލާ ރޫލްސްގެ ގައިދާ 13 އަދި 17ގައި ބަޔާންކުރާ މިންގަނޑުތަކަށް ހުރި ތަނެއް ނޫން ކަމަށެވެ.
އެޗްއާރްސީއެމްގެ އެ ރިޕޯޓްގެ ފައިނަލް ރިޕޯޓް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހިއްސާކުރީ މިދިޔަ އޯގަސްޓް ފަސްވަނަ ދުވަހު އެވެ. އެކަމަކު އެޗްއާރްސީއެމުން މިއަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު އެހެން މައްސަލައެއްގައި އަލުން އައްސޭރި ޖަލަށް ޒިޔާރަތްކޮށް ކުރިން އިސްލާހުކުރަން އެންގި މައްސަލަތައް އިސްލާހު ކުރި މިންވަރު ބަލާފައިވާ ކަމަށާއި މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ވެސް އެ މައްސަލަތައް އިސްލާހުކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 8 އިން 10 އަށް އެޗްއާރްސީއެމުން އައްސޭރި ޖަލަށް ކުރި ޒިޔާރަތަށް ފަހު ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުުރުމަށް ކޮށްފައިވާ މަސައްކަތްތައް ލިޔުމުން އެޗްއާރްސީއެމަށް އަންގާފައިވާނެ ކަމަށެވެ. އެހެންވެ މައްސަލަތައް އިސްލާހު ނުކޮށް ހުރި ކަމަށް އެޗްއާރްސީއެމުން ބުނާތީ އެކަމާ ސީޕީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓްގައި އައްސޭރި ޖަލުގައި ކުޑަކުދިން ބޭތިއްބުމަށް ހަދަމުންދާ ތަން، ތިން މަސް ދުވަސް ތެރޭގައި ނިންމާނެ ކަމަށް ބުނެފައިވާތީ އެޗްއާރްސީއެމުން އެ މައުލޫމާތު ހޯދި ގޮތަކާ މެދު ވެސް ސީޕީ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ ތިން މަސް އެއީ އެޗްއާރްސީއެމުން ކިިހިނެއް ހޯދި މައުލޫމާތެއް ކަމެއް. ކޮވިޑްގެ ހާލަތު އައްސޭރި ޖަލުގައި ގޯސްވެ ދިގުމުއްދަތަކަށް ފުރަބަންދުކޮށް، ހިންމަފުށްޓަށް ވެސް ދޭތެރެއަކުން އަރާފޭބުން މަނާކުރުމާ ގުޅިގެން ކުޑަ ކުދިން ބައިތިއްބަން ގާނޫނު ލާޒިމުކުރާ ތަނުގެ މަސައްކަތް ނިންމުމަށް އަޅުގަނޑުމެންނަށް ޑިލޭތަކެއް އައިސް މަސައްކަތްތައް ނިންމަން ގޮންޖެހުންތަކެއް އައީ،" ސީޕީ ވިދާޅުވި އެވެ.
އައްސޭރި ޖަލުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާ ތަނުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާތީ ގިނަ ވެގެން އެއް މަސް ތެރޭގައި އެ ތަން ނިންމާލެވޭނެ ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ. މިހާރު މައިގަނޑު ގޮތެއްގައި ކުރެވެމުންދަނީ އެ ތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތަކެެވެ. ސީޕީ ވިދާޅުވި ގޮތުގައި މަސައްކަތްތައް ލަސްވީ ކޮވިޑްގެ ދުވަސްވަރު އައްސޭރި ޖަލުގެ ހާލަތު ގޯސްވެ ދިގުމުއްދަތަކަށް ލޮކްޑައުން ކުރަން ޖެހުމުންނާއި ހިންމަފުށްޓަށް ވެސް ދޭތެރެއަކުން އަރާފޭބުން މަނާކުރުމާ ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.
"އަޅުގަނޑުމެން މިތަން ހަދާކަން ވެސް އެ ބޭފުޅުންނަށް [އެޗްއާރްސީމް] އަށް އެނގިވަޑައިގަންނަވާނެ. ކުދިން މިހާރު ތިބި ތަނުން އެހެން ތަނަކަށް ބަދަލުކުރަން މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޗްއާރްސީއެމުން އެބައޮތް 30 ދުވަސް ދީފައި. އަދި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމަށް ކޮމިޝަނުން އެދިފައި އެބައޮތް. އެ ބޭފުޅުން އެންގެވި ތާރީހަށް އަޅުގަނޑުމެން ވާނީ އެ ޕްލޭނ ްވެސް ހިއްސާކޮށްފައި. އަޅުގަނޑުމެންގެ ވިސްނުމަކީ އަލަށް ހަދާ ތަން ނިމޭތީ ކުދިން އެ ތަނަށް ބަދަލުކުރުން. އެހެންވެ ކުދިން ބަދަލުކުރަން ކޮމިޝަނުން ދީފައިވާ 30 ދުވަސް މިމަހަށް ހަމަވާތީ އަދި އެކަމަށް އިތުރު ވަގުތުކޮޅެއް ދިނުމަށްވެސް އަޅުގަނޑުމެން ވާނީ ލިޔުމަކުން އެދިފައި. އަދި ޖަވާބެއް ނުލިބޭ،" ސީޕީ ވިދާޅުވި އެވެ.
އަހްމަދު މުހައްމަދު ވިދާޅުވީ އެޗްއާރްސީއެމުން ޖަލުތަކާ ގުޅޭ ރިޕޯޓްތައް އެކުލަވާލާ އާންމުކުރުމުގެ ކުރިން އެ ރިޕޯޓްތަކުގައި ފާހަގަކުރާ މައްސަލަތަކަށް ކަރެކްޝަނުން ޖަވާބުދާރީވުމަށް މިހާރު ލިބޭ ވަރަށް ވުރެ އިތުރަށް ވަގުތާއި ފުރުސަތު ލިބެންޖެހޭ ކަަމަށެވެ. އެޗްއާރްސީއެމްގެ ރިޕޯޓްގައި އައްސޭރި ޖަލުގައި ކުޑަކުދިން ތިބޭ ތަނާ ގުޅޭ ގޮތުން ހިމަނާފައި ހުރި މައުލޫމާތަށް ބިނާކޮށް މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ ދެ ކުއްޖަކު ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން އަމުރުކުރުމުން އެކަމުގައި ވެސް ސީޕީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ޖުވެނައިލް ކޯޓުން އެ އަމުރުތައް ނެރުނީ އެޗްއާރްސީއެމްގެ ރިޕޯޓުގައި އައްސޭރި ޖަލުގައި ކުޑަކުދިން ބައިތިއްބާފައި ތިބޭ ތަނާ ގުޅޭ ގޮތުން ހުރި މައުލޫމާތުތަކަށް ބަލައި ދައުަލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކުގެ ބަސްވެސް ހޯދުމަށްފަހު އެވެ. ކޯޓުން ގޭބަންދަށް ބަދަލުކުރި ދެ ކުދިންނަކީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ދެ ކުދިންނެވެ.
ސީޕީ ވިދާޅުވީ ޖަލުތަކާ ގުޅޭ ގޮތުން އެޗްއާރްސީއެމް ފަދަ އިދާރާ އަކުން ރިޕޯޓެއް ފައިނަލް ކުރާއިރު ވަށައިގެން ހުރި ހުރިހާ ކަމަކާ މެދު ވިސްނަން ވާނެ ކަމަށެވެ. އެކަމަކު އެޗްއާރްސީއެމްގެ ބޭފުޅުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްސޭރި ޖަލަށް ކުރި ޒިޔާރަތަށް ފަހު އެކުލަވާލާފައިވާ ރިޕޯޓާއި އަދި އޭނގެފަހުން އެޗްއާރްސީއެމުން ތަހުގީގު ކުރަމުން ދިޔަ އެހެން މައްސަލައެއްގައި އައްސޭރި ޖަަލަށް ކުރި ޒިޔާރަތަށް ފަހު އެޗްއާރްސީއެމުން ނެރެފައިވާ ނޫސް ބަޔާނަކީ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރެވިގެން ކުރެވިފައި އޮތް މަސައްކަތެއް ކަމަކަށް ސީޕީ އަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ސީޕީ އިތުރަށް ވިދާޅުވީ އައްސޭރި ޖަލުގައި ކުޑަކުދިން ބައިތިއްބާފައި ތިބޭ ތަނަކީ ކުރިން އެހެން ކަމަށް ބޭނުންކުރަމުން ދިޔަ އިމާރާތެއް ކަމަށެވެ. އެހެންކަމުން އެ ތަނުގައި މައްސަލަ ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެ ތަނުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އައްސޭރި ޖަލުގައި ކުޑަކުދިން ތިބޭ ތަނަކީ ކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ކޯޓަށް ފެނިގެން ޖަލުގައި ތިބޭ ކުދިން ދޫކޮށްލި ނަމަވެސް އެއީ ކަރެކްޝަންސްގެ އިހްމާލެއް އޮވެގެން ހިނގާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ސީޕީ ވިދާޅުވެފައިވެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުށް ކުރާ ކުދިން ބަންދުކޮށްފައި ބޭއްތިއްބުމަށް ހާއްސަ މަރުކަޒުތަކެއް ހެދުމަށް ލާޒިމުކޮށްފައިވެ އެވެ. އަދި އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ މަރުކަޒުތައް ނިންމަންޖެހެ އެވެ. ގާނޫނުގައި ބުނާ ގޮތަށް އައްސޭރި ޖަލުގައި މިހާރު ހަދާފައިވާ ތަނުގައި އެއް ފަހަރާ 16 ކުދިން ގެންގުޅެވޭނެ ކަމަށް ކަރެކްޝަނުން ވަނީ މައުލޫމާތު ދީފަ އެވެ.