އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް އަރައިގެންފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވި ތަގުރީރު ގައި ފަލަސްތީނާ، އިޒްރާއީލުގެ މައްސަލާގައި ދިވެހިންގެ ވިސްނުން ހުރި ގޮތް އެ މަނިކުފާނު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފަ އެވެ. އަދި މީގެ ކުރިން ވެސް ފަލަސްތީނުގެ މައްސަލާގައި ދިވެހި ރާއްޖެ ނަގާފައިވާ ސްޓޭންޑް އާ ކުރައްވާ އެކަން ވަނީ މުޅި ދުނިޔެއަށް މިރޭ އިއުލާނު ކޮށް ދެއްވާފަ އެވެ.
ރައީސް ސޯލިނހުގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރަން އދ. ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ގެއްލި އެތައް އަހަރުތަކެއް ފާއިތުވެގެން ދާއިރު، އެ މައްސަލަ ހައްލު ނުކުރެވި އޮތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭވެސް ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. ފަލަސްތީނަށް މިނިވަން ކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި ރާއްޖެ އިން ކުރާ ތާއިދު އަބަދުވެސް އެގޮތުގައި އޮންނާނެކަމަށެވެ.
"ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ގަވާއިދާ ޚިލާފަށް ހިފައި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އދ. އަކީ ހުރިހާ ގައުމުތަކަށް ވެސް ބޭނުންތެރި ޖަމާއަތެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި މަޝްވަރާގެ މަތިން ކަންކަން ކުރެއްވުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އދ. އުފެދިފައި ވަނީ ފަނާކުރަނިވި ދެ ހަނގުރާމައެއްގެ ސަބަބުން އަނދާއަޅިއަށް ވެގެންދިޔަ އެތައް މިލިއަން އިންސާނުންގެ ނެތިދިއުމުގެ ތެރެއިން ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އދ. ގެ އަސްލު ބިނާވެފައި ވަނީ އިންސާނީ މިނިވަންކަމުގެ މަތިވެރިކަމާއި އަމިއްލަ ގައުމިއްޔަތެއް ބިނާ ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާސް ތަކެއްގެ މައްޗަށް ކަމަށެވެ.
ރައީސް ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ކުދި ގައުމުތަކަށް ބަސްބުނުގެ އިހުތިޔާރު ލިބިދޭންޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.