ތޯމަސް ކުކް ގްރޫޕް

ތޯމަސް ކުކްގެ ބައެއް ޓޫރިސްޓުންނަށް ރާއްޖޭން ހިލޭ ޗުއްޓީ

ބަނގުރޫޓުވި ތޯމަސް ކުކްގެ އެހީގައި ރާއްޖެ އައި، ޓޫރިސްޓުންނަށް ބައެއް ރިސޯޓު ތަކުން ހިލޭ ޗުއްޓީ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތޯމަސް ކުކް ކުންފުނި ބަނގުރޫޓުވިކަން އިއުލާނު ކުރިއިރު، ރާއްޖޭގައި އެ ކުންފުނީގެ 804 ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރަމުން ދިޔަ ކަމަށެވެ.

"ތޯމަސް ކުކް މައްސަލައަކީ ހިތާމަވެރި ހަބަރެއް. އެ ހަބަރާއެކު ރައީސް އޮފީހާއި ފިނޭންސް އަދި އިކޮނޮމިކް މިނިސްޓްރީ އާއި ބަންޑާރަ ނައިބު އޮފީސް އަދި މަޓީއާއެކު ވާނީ ވަގުތުން މަޝްވަރާ ކޮށްފައި. މިއާއެކު އެއާޕޯޓާ ހިސާބުން ޓޫރިސްޓުންނަށް ހިދުމަތް ދޭން ވާނީ ވަގުތުން އެޗްއައިއެޗްގައި ހެލްތް ޑެސްކެއް ގާއިމް ކޮށްދީފައި،" އަލީ ވަހީދު ވިދާޅުވި އެވެ.

އެއްވެސް ޓޫރިސްޓަކު ފޮނުވައެއް ނުލާ

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް މެހުމާންދާރީ އަދާކުރުމުގައި ރާއްޖެ ލާމަސީލު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކުރާ ކަމަށެވެ.

"ބައެއް ކުންފުނި ތަކަށް [ތޯމަސް ކުކުން] ދައްކަން ޖެހޭ ފައިސާ ވެސް އެބަހުރި. އެކަން ވެސް މިދަނީ ބަލަމުން. މި ހާލަތުގައި ސަރުކާރު އޮންނާނީ ފަތުރުވެރިންނާއި އިންޑަސްޓްރީއާ ވެސް އެއްކޮށް. މިކަމުގައި އެމްއެމްޕީއާރްސީ އާއި މަޓީއާ ވެސް އެއްކޮށް ކުރިއަށް މި ދަނީ،" އަލީ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އޮޕަރޭޓަރު ކަމަށްވާ ތޯމަސް ކުކް ބަނގުރޫޓުވިކަން މިދިއަ އާދީއްތަ ދުވަހު އިއުލާނު ކުރުމާއެކު އެ ކުންފުނީގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ އެކި ގައުމުތަކުގައި ތާށިވެފަ އެވެ. އެހެންވެ، އިނގިރޭސި ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ބޮޑު އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ބައެއް ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށާ، އެހެންކަމުން އެކަން ވެސް ކައިރިން ބަލަމުން ގެންދާ ކަމަށެވެ

"އަޅުގަނޑާ އިއްޔެ ވެސް ދިމާވި 4،000 ޕައުންޑް ހޭދަ ކޮށްގެން ހަނީމޫނަށް އައިސް ތިބި ޓޫރިސްޓުންނާ. ވަރަށް މާޔޫސްވެފައި ތިބީ ވާނެ ގޮތެއް ނޭނގޭތީ. ނަމަވެސް އަޅުގަނޑުމެން ޔަގީންކަަން ދެމުން މިދަނީ މާޔޫސް ނުވާން. އެ ޔަގީންކަން މިދެނީ. މި ބަލަނީ އެކި ރިސޯޓުތަކާ ގުޅިގެން... އެގްރީމެންޓް އޮތީ ތޯމަސް ކުކްއާއެކު. އެކަމަކު މި ހިޓް އިންޑަސްޓްރީން އެދަނީ ނަގަމުން. މި އަދާހަމައަށް ވެސް އިންޑަސްޓްރީ އިން އެ ކުރަނީ ލާމަސީލު މަސައްކަތް ތަކެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

"ޓޫރިސްޓުން އައިސް އެއާޕޯޓުގައި ގޮނޑިތަކެއްގައި ތިބުމުގެ ބަދަލުގައި އެމީހުން [ތޯމަސް ކުކް] ގެ ޓޫރިސްޓުންނަށް ވަކިން ވާނީ އެޗްއައިއެޗް ހަމަޖައްސައިދީފައި. އެެހެންވެ ބައެއް ބޭފުޅުން އިތުރު ޕެކޭޖުތައް ނަގައިގެން ރާއްޖޭގެ އެހެން ތަންތަނަށް ވަނީ ދަތުރު ކުރަން ފަށާފައި"

އަޅުގަނޑާ އިއްޔެ ވެސް ދިމާވި ހަނީމޫން އަށް އައިސްތިބި ޓޫރިސްޓުންނާ. ވަރަށް މާޔޫސްވެފައި ތިބީ ވާނެ ގޮތެއް ނޭނގޭތީ. ނަމަވެސް އަޅުގަނޑުމެން ޔަގީންކަން ދެމުން މިދަނީ މާޔޫސް ނުވާން. އެ ޔަގީންކަން މިދެނީ.
އަލީ ވަހީދު | ޓޫރިޒަމް މިނިސްޓަރު

އޭނާ އިތުރަށް ވިދާޅުވީ ބައެއް ރިސޯޓުތަކަށް ތޯމަސް ކުކް އިން ދޭން ޖެހޭ ފައިސާ ވެސް އެބަހުރި ކަމަށެވެ. ނަމަވެސް މިހާލަތުގައި ބަލަން ޖެހޭނީ ރާއްޖެއަކީ ދެވަނަ ފަހަރަށް ވެސް އަންނަ ފަދަ ތަފާތު ގައުމެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

އެސެސްމަންޓެއް ހަދަނީ

ތޯމަސް ކްކް ބަަނގުރޫޓު ވުމުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅުވައި އަވަސް އިން އުފެއްދި ވިޑިއޯ ރިޕޯޓް

މިނިސްޓަރު ވިދާޅުވީ ބައެއް ގައުމު ތަކަށް ހަދާނެ ގޮތެއް ނޭނގިގެން އުޅުނު ނަމަވެސް ރާއްޖެ އޮތީ އެކަމަށް ތައްޔާރުވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް މިކަމުގެ ސަބަބުން ކޮށްފައިވާ އަސަރު ބަލަން އެސެސްމަންޓެއް ވެސް ހަދަން ވަނީ ފަށާފަ އެވެ.

"ތޯމަސް ކުކަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ގެންނަ ބައެއް. މީގެ ސަބަބުން އަންނާނެ ބަދަލު ބަލައި އެކަމަށް އިތުރަށް މަސައްކަތް ކުރާނަން. މިކަން އަޅުގަނޑުމެން ބަލާނީ އޮޕަޗުނިޓީއެއްގެ ގޮތުގައި ރާއްޖެއަކީ އެހެން ގައުމުތަކާ ތަފާތު ގައުމެއްގެ ގޮތުގައި،"