ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ޓޫރިޒަމް އަލުން ދިރުވޭނީ އިތުބާރުން: އަލީ ވަހީދު

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގައި އަޑި އަޅާފައިވާ ޓޫރިޒަމް އަލުން ދިރުވާނެ ބިންގަލަކީ ޓޫރިސްޓުންގެ އިތުބާރާއި ދަތުރު ފަތުރުކުރުމުގެ ފަސޭހަތައް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ދެކުނު އޭޝިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް އާއި މެލޭޝިއާގެ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އޭޝިއާ ބައްރުގެ މެމްބަރު 27 ގައުމަކުން ބައިވެރިވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އަލީ ވަހީދު އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ގަބޫލު ކުރާ ގޮތުގައި ކޮވިޑް-19 އިގެ ބަލި މަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވެ އަޑި އަޅާފައިވާ ފަތުރުވެރިކަން އަލުން ދިރުވޭނީ ދަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރުގެ ފަސޭހަ ކަމުގެ ތިލަފަތް ހަމަހަމަ ކޮށްގެން ކަމަށެވެ.

އަދި އެންމެން އެކުގައި، އެއް އަޑެއްގައި، އެއް މިންގަނޑުތަކެއް ހިފަހައްޓައި ބައިނަލް އަގުވާމީ ޖަމިއްޔާތަކާއި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތުން ކުރިއެރުން ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާއިރު ރާއްޖޭން އެކަން ކަމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޯ އީސްޓް އޭޝިއާ އެންޑް ދަ ސްޕެސިފިކް، އަދި ކޮމިޝަން ފޯ ސައުތު އޭޝިއާގެ 32 ވަނަ ބައްދަލުވުން ބާއްވާނެ ގައުމެއްގެ ގޮތުގައި މީގެ ކުރިން ކަނޑައާޅާފައިވަނީ ސްރީލަންކާ އެވެ. ނަމަވެސް ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން މި ބައްދަލުން ބާއްވާފައިވަނީ އިންޓަނެޓްގެ ޒަރީއާ އިންނެވެ.