އަފްޣާނިސްތާން

އަލްގައިދާގެ ލީޑަރަކު ހައްޔަރު ކުރަން ދިން ހަމަލާއެއްގައި 40 މަރު

އަލްގައިދާގެ އިސް ލީޑަރަކު ހައްޔަރު ކުރުމުގެ ގޮތުން އަފްޣާނިސްތާނުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އާންމުންގެ ތެރެއިން 40 މީހުން މަރުވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ސިފައިން އަލްގައިދާގެ ލީޑަރަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ލީޑަރު ފިލަން ވަން ގުދަނަކަށް ވަނީ ހަމަލާތަކެއް ދީފަ އެވެ. އެ ގުދަނަކީ އަލްގައިދާއިން ބޮމް އުފައްދަން ބޭނުންކުރާ ވެސް ގުދަނެކެވެ. އާންމުންގެ 40 މީހުން މަރުވެފައިވަނީ އެ ހަމަލާގައި ގުދަން ގޮވުމުގެ ސަބަބުނެވެ. އޭރު ގުދަނާއި ކައިރީގައި ކައިވެނި ޕާޓީއެއް ވެސް އޮތެވެ.

މި ހަމަލާގައި އަލްގައިދާގެ އެހެން އިސް ލީޑަރުންތަކަކާއި އެހީތެރިން ތަކެއް ވެސް މަރުވި އެވެ. އަފްޣާނިސްތާނުގައި ތާލިބާނުންގެ ހަމަލާއަށްވުރެ ގިނައިން އާންމު މަރުވެފައިވަނީ އަފްޣާނިސްތާނުގެ ފައުޖުތަކުން ހިންގި އޮޕަރޭޝަންތަކުގަ އެވެ.

އަލްގައިދާގެ އިސް ލީޑަރަކަށް އަމާޒުކޮށްގެން ހަމަލާދީފައިވަނީ އަފްޣާނިސްތާނުގެ ހިލްމާންދު އަވަށުގަ އެވެ. ހަމަލާ ދީފައިވަނީ އެމެރިކާގެ އެންގުތަކާ އެއްގޮތަށެވެ. އަފްޣާނިސްތާނުގެ ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ހަނގުރާމަ ކުރާ ކޯލިޝަންގެ ވެރިއަކީ އެމެރިކާ އެވެ.

ހަމަލާގައި އާންމުގެ ގިނަ ބަޔަކު މަރުވުމުން އަފްޣާނިސްތާނުގެ ސިފައިން ބުނީ އާންމު މަރުވުމުގެ ޒިންމާ އެމެެރިކާއިން އުފުލަން ޖެހޭނެ ކަމަށެވެ. އެއީ ގުދަނަށް ހަމަލާދިނީ އެމެރިކާގެ އިރުޝާދަށް ކަމަށްވާތީ އެވެ. އެމެރިކާއިން ބުނީ ހަމަލާ ދިނުމުގެ ސަބަބުން އަލް ގައިދާ ޖަމާއަތަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރު ކުރެވުނު ކަމަށެވެ. އެއީ ޕާކިސްތާނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ހިލްމާންދު އަވަށުގެ ކައުންސިލުން ބުނީ، ގުދަނުގެ ކައިރީގައި ކައިވެނި ޕާޓީއެއް ކުރިއަށް ގެންދާކަމުގެ މައުލޫމާތު ސަރުކާރަށް ދެ ދުވަސް ކުރިން ދީފައި ވުމުން، އެ ސަރަހައްދުގައި ހަމަލާ ބަދަލު ކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ނުވާނެ ކަމަށެވެ. އެމެރިކާއިން ހާދިސާގެ ހިނގި ގޮތުގެ މައުލޫމާތު ދެމުން ބުނީ، ގުދަނުން ނުކުތް ޓެރަރިސްޓަކު ކައިވެނި ޕާޓީ އޮތް ސަރަހައްދަށް ގޮސް ޖާނު ގޮއްވާލީ ކަމަށެވެ.