ހަބަރު

އެއްވެސް މުވައްޒަފަކު ވަކިކުރަން ބިރެއް ނުދައްކަން: ޓްރާންސްޕޯޓް

Sep 26, 2019
2

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ކަނޑާލުމުގެ ނިޔަތުގައި ކަންތައްތަކެއް ކުރާ ކަމަށް ތުހުމަތުކޮށް އެ އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒިފުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން އެދި ޕެޓިޝަނަކާއެކު ސިޓީއެއް ވަނީ ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ އެ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައިނުވާނެ ކަމަށެވެ. ނަމަވެސް ހާޒިރީއަށް ފަރުވާ ކުޑަކަމަށް ފާހަކަ ކުރެވޭ މުވައްޒަފުންނާމެދު ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ.

މުވައްޒަފުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން މުވައްޒަފުންތަކެއް ވަކި ކުރަން ނިންމާ ލިސްޓެއް ވެސް ތައްޔާރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ސާފު ކުރަން މިހާތަނަށް އެ އޮތޯރިޓީގެ އެކި ފެންވަރުގެ ބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެކެވުނު ނަމަވެސް، އެކަމާ ގުޅޭގޮތުން މުވައްޒިފުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އެ އޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހު ކަމަށެވެ. އެކަން އެެހެން ދިމާވާ ސަބަބުތައް ވެސް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އެގޮތުން އިތުރު އިނާޔަތެއް ނުލިބޭ އިރު، އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުމާއި، މުވައްޒިފުން މަދުވުމުން ޗުއްޓީއާއި ސަލާމްގައި ހުންނަ ދުވަސްތަކުގައި ވެސް އޮފީހަށް ނުކުންނަންޖެހުން ފާހަގަ ކޮށްފައި ވެއެވެ. އަދި އެ މުވައްޒިފުން މިހާތަނަށް ކުރަން ޖެހުނު ބުރަ މަސައްކަތްވެސް ބަޔާންކޮށް ހާޒިރީގައި މައްސަލަ އުޅޭކަމަށް ބުނެ އިސްލާހު ކުރަން ފުރުސަތެއް ނުދީ ވަޒީފާއިން ވަކިކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ

އެ އޮތޯރިޓީގައި މަސައްކަތް ކުރާ 48 މުވައްޒިފަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއެކު ހިމެނޭ ސިޓީގައި ވަނީ މުވައްޒިފުންތަކެއް އެގޮތަށް ކަނޑާލުމަށް ފުރުސަތު ނުދެއްވުމަށް އެދި ޝަކުވާތަކުގެ އަޑުއެއްސެވުމަށް ރައީސަށް ދަންނަވާ ކަމަށެވެ.