އަބްދުއްރަހީމް އަބްދުﷲ

ޔާމީންގެ ނިންމުންތައް ރަނގަޅުކަމަށް ދަނީ އެއްބަސްވަމުން: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ނިންމަވާފައިވާ ނިންމުންތަކަށް ފާޑުވިދާޅުވި ބޭފުޅުން، ވެރިކަމަށް އައުމަށްފަހު އެ ނިންމުންތަކަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެއްބަސްވަމުންދާކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ވިފާރީގެ ރޮނގުން މުޅި ދުނިޔެއާއި ޗައިނާ ގުޅުވައިލުމަށް ހިންގާ ބިޔަ މަޝްރޫއެއް ކަމަށްވާ "ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް" މަޝްރޫއަށް އެއްބާރުލުން ދިނުމަށް އެންމެ ފުރަތަމަ ސޮއިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދިވެހިން ފަހުރުވެރިވާ ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ.

އަސްލަމް މިހެން ވިދާޅުވީ ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމުގެ ވާހަކަތަކަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވަރުގެ ސިޔާސީ ލީޑަރެއް ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި ރައީސް ޔާމީނާމެދު ފަޚުރުވެރިވެރިވާކަމަށްވެސް ވިދާޅުވިއެވެ.

"އިދިކޮޅުގަައި ތިބެގެން ރައީސް ޔާމީންގެ ނިންމުންތަކަށް ފާޑުކީ މީހުން، ވެރިކަމަށް އައުމަށްފަހު ރައީސް ޔާމީންގެ ނިންމެވުންތަކަކީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ނިންމާފައިވާ ނިންމެވުންތަކެއްކަމަށް މިއަދު އެދަނީ އެއްބަސްވަމުން.. ރައީސް ޔާމީން ވަރުގެ ލީޑަރެއް ނެތް." ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމަށް ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފައްދާ އެ ޕާޓީގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅުގަައި ތިބެގެން ރައީސް ޔާމީންގެ ނިންމުންތަކަށް ފާޑުކީ މީހުން، ވެރިކަމަށް އައުމަށްފަހު ރައީސް ޔާމީންގެ ނިންމެވުންތަކަކީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ނިންމާފައިވާ ނިންމެވުންތަކެއްކަމަށް މިއަދު އެދަނީ އެއްބަސްވަމުން.. ރައީސް ޔާމީން ވަރުގެ ލީޑަރެއް ނެތް
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ލީޑަރު

އަބްދުއްރަހީމް ވިދާޅުވީ މާދަމާ އެއްބަސްވާނީ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުުރުމަކީ އަގު ނުކުރެވޭނެ މަތިވެރި ޚިދުމަތެއްކަމަށެވެ. އަދި އޭގެ ފަހުން ސިނަމާލެ ބުރިޖަކީ ޔާމީންގެ ދުރުވިސްނުންފުޅު ރަމްޒުކޮށްދޭ ހެއްކެއްކަމަށްވެސް އެއްބަސްވާނެކަމަށެވެ.

"ނުބުނެ ކީއްކުރާނީ. އެއީ ހަގީގަތް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޗަައިނާގެ ރައީސް ޝީޖިންޕިންގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ގެ ދަށުން ހިންގާ މައިގަނޑު އެއް މަޝްރޫއަކީ "މެރިޓައިމް ސިލްކް ރޫޓް" ގެ މަޝްރޫ އެވެ. އެ މަޝްރޫއުން ހާސިލު ކުރަން ބޭނުންވާ މަގުސަދަކީ އިންޑިއާ ކަަނޑު ހުރަސްކޮށް ހުޅަނގަށް ޗައިނާގެ މުދާ އުފުލާ މަގުތަކުގައިވާ ބަނދަރުތަކަކީ ޗައިނާއިން ބިނާކޮށް، އެ ގައުމުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ބަނދަރުތަކަކަށް ހެދުމެވެ.

"ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް" މަޝްރޫއަށް އެއްބާރުލުން ދިނުމަށް ރާއްޖޭން ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2017ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހު އެވެ.

ރައީސް ޔާމީން ޗައިނާ ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އޭރުގެ އިިދިކޮޅު ފަރާތްތަކުން ވަނީ އެ އެއްބަސްވުމާމެދު ސުވާލު އުފައްދާފައެވެ.