ޝައިހް އިލްޔާސް ހުސައިން

އިލްޔާސް ހޯއްދެވީ ގައުމީ ޝަފަރެއް!

ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިންނަކީ ދިވެހިންގެ މެދު ވަރަށް މަގުބޫލު އިލްމުވެރި އެކެވެ. ބައެއް މީހުނަށް މިހާރު އެންމެ މަގުބޫލު އިލްމުވެރިޔާ އެވެ. އިލްޔާސްގެ ދީނީ ދަރުސްތައް އަޑުއަހަން ޝައުގުވެރިވާ ވަރަށް ގިނަ ބަޔަކު އުޅެ އެވެ. އޭނާގެ ކުޅަދާނަ ބަސްމޮށުން ތެރިކަމާ، މައުލޫމާތު ފޯރުކޮށްދިނުމުގެ މުއްސަނދި ކަމާއި ހުނަރުގެ ފުދޭ ކަމުން އޭނާ ވެފައި ވަނީ ދިވެހިންގެ ހިތާ ވަރަށް ކައިރި އިލްމުވެރިޔަކަށެވެ.

އިލްޔާސް ދަރުސް ދެއްވަނީ ވަރަށް ޖޯޝާ ފޯރީގަ އެވެ. ތަފާތު އިހުސާސުތަކާއެކު، އެ ދަރުސްތައް ދެއްވާއިރު އޭނާގެ ބަސްތެރިކަމުގެ ފޯރުންތެރި ކަމާދު މީހުން ހައިރާންވާހާ ވެއެވެ. އެހެން ނަމަވެސް މީހުނަށް އެހާ ރަނގަޅަށް ނޭނގި އޮންނަ ކަމެއް އޮވެ އެވެ. އެއީ ޝައިހަށް ލިބި ވަޑައިގެންފައިވާ ކީތިރީ ގުރުއާން ކިޔެވުމުގެ އިލްމުގެ ބައެވެ. މީގެ އެތައް އަހަރެއް ކުރިން މަދީނާއިން ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ އިލްޔާސް ކުރެއްވި މަސައްކަތަކީ ގުރުއާން ކިޔަވަން ދަސްކޮށް ދެއްވުމެވެ. ތަޖުވީދު މަގަށް ގުރުވާން ކިޔަވަންދަސްކޮށް ދެއްވާ މުދައްރިސެއްގެ ގޮތުގައި އަށެއް އަހަރު އިލްޔާސް ހޭދަ ކުރެއް ވިއެވެ. އެކަމަކު އައްޑު އަތޮޅުގަ އެވެ.

އިލްޔާސްއަކީ ގިރާތުން ޑަބަލް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އޭނާ އިންޑިއާގައި ކިޔަވާ ވިދާޅުވި ދުވަސްވަރުވެސް ގިރާތުން ޑިގްރީއެއް ހާސިލް ކުރެއްވެވި އެވެ. ފަހުން މަދީނާގައި ކިޔަވާ ވިދާޅުވާން ލިބިވަޑައިގެންނެވި ފުރުސަތުގައި އެފަދަ ދެވަނަ ޑިގްރީއެއް ގިރާތުން ހޯއްދެވި އެވެ. އެހެންވެ އިލްޔާސް ހިމެނިވަޑައިގަންނަވަނީ މަދީނާގައި ގިރާތުން ޑިގްރީ ނެންގެވި މަދު ދެތިން ހަތަރު ދިވެހިންގެ ތެރޭގަ އެވެ.

ކުދިންނަށް ގުރުއާނުގެ އިލްމު ފޯރުކޮށްދެއްވުމުގައި އަށެއްކަ އަހަރު ހޭދަކުރެއްވުމަށްފަހު، އިލްޔާސްގެ މަސައްކަތްފުޅު މުޅިން ބިނާވެގެން ދިޔައީ އިސްލާމްދީނުގެ އަސްލު ދިވެހިންނަށް ރަނގަޅަށް އޮޅުންފިލުވައި ދެެއްވާށެވެ. ދީނީ އިލްމީ ދަރުސްތައް ދެއްވާށެވެ. ދީނީ ގޮތުން ދިވެހި ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން އޮޅުން ފިލުވައި ދެއްވާށެވެ.

އިލްޔާސަށް ލިބިވަޑައިގެންފައިވާ ދީނީ އިލްމާ އެއްވަރަށް ބަސްތެރިކަމާއި ބަސް މޮށުންތެރިކަން ވެސް އޭނާއަށް ލިބި ވަޑައިގެންފައި ވެއެވެ. އެހެންވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގަައި ޝައިހު ފެއްޓެވި މަސައްކަތް ވަރަށް ކާމިޔާބެވެ. އެންމެންގެ ކަންފަތް އޭނާއަށް ދިނެވެ. ވެރިރަށް މާލޭގައި އެތައް ހާސް ބަޔަކު ބައިވެރިވި އެތައް ބައްދަލުވުންތަކެއްގައި ދީނީ ތަގުރީރު ކުރެއްވި އެވެ. އެކަން ކަމުން ޝައިހަށް ވަރަށް ހާއްސަ އުފަލެއް ލިބި ވަޑައިގަންނަވަ އެވެ.

ނަމަވެސް، މައްކާގައި ކޮންމެ އަހަރަކު ބާއްވާ ކިންކް އަބްދުލްއަޒީޒު ގުރުއާން މުބާރާތުގެ މި އަހަރުގެ ފަނޑިޔާރެއްގެ ގޮތުގައި ބަައިވެރިވެވަޑައިގަތުމުގެ ޝަރަފުވެރި ފުރުސަތު ލިބިވަޑައިގަތުމަކީ އިލްޔާސަށް މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް އުފާފުޅެވެ. މިއީ ދިވެއްސަކު މިފަދަ ބޮޑު ބައިނަލްއަގްވާމީ ގުރުއާން މުބާރާތެއްގައި ފަނޑިޔާރުކަން ކުރެއްވި ފުރަތަމަ ފަހަރެވެ.

ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް އުފާ

އިލްޔާސަކީ، މަދީނާގެ ފެކަލްޓީ އޮފް ގުރުއާންގައި ކީރިތި ގުރުއާންގެ އިލްމު އުނގެނިވަޑައިގެން ހުންނެވި އެ ރޮނގުން ވަރަށް ބޮޑު އިލްމުވެރިއެކެވެ. މިއީ ކުރިން ނޭނގި އޮންނަ ކަމެކެވެ. އެ ފެކަލްޓީއަކީ ގުރުއާން ހިތުދަސް ބޭފުޅަކަށް ނޫނީ ކިޔެވުމުގެ ފުރުސަތު ލިބޭ ފެކަލްޓީއެއް ނޫނެވެ. އިލްޔާސް ވަނީ އެ ފެކަލްޓީގައި ކިޔަވާ ވިދާޅުވި ދުވަސްވަރު ގުރުއާނުގެ އިލްމުގެ އިތުރަށް ގިރާތުންވެސް ޑިގްރީއެއް ހޯއްދަވާފަ އެވެ. އެހެންވެ ކިންކް އަބްދުލްއަޒީޒު ގުރުއާން މުބާރާތުގެ މި އަހަރުގެ ފަނޑިޔާރެއްގެ ގޮތުގައި ބަައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އިލްޔާސަށް މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް އުފާފުޅެވެ. އެފަދަ ބޮޑު ގުރުއާން މުބާރާތުން ފުރުސަތު ލިބިވަޑައިގަތުމުގައި އޭނާއަށް ލިބިވަޑައިގެންފައިވާ އިލްމު، ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.

"އިސްލާމިކް މިނިސްޓްރީއަށް ލިބުނު ފުރުސަތެއްގައި އަޅުގަނޑާ ޑރ. އިޔާޒުގެ ނަން އެކޮޅަށް ފޮނުވީ. އަޅުގަނޑުމެން ދެ މީހުންނަކީ ވެސް ގިރާތުން ޑިގްރީ ނަގާފައިވާ ދެ މީހުން. އަލްހަމްދުﷲ. އަޅުގަނޑަށް އެ ފުރުސަތު ލިބުނުކަން އެކޮޅުން އިސްލާމިިކް މިނިސްޓްރީއަށް އެންގުމުން އެކަން މިނިސްޓަރު ގުޅުއްވާފައި ވިދާޅުވީމަ އަޅުގަނޑަށް އެނގުނީ. އަލްހަމްދުﷲ. ލިބުނު މި ފުރުސަތަށްޓަކައި ﷲ އަށް ހަމުދު ކުރަން." އިލްޔާސް ވިދާޅުވި އެވެ.

މިއީ ފަހަރެއްގައި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އިލްޔާސަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް އުފަލަށްވުން އެކަށީގެންވެ އެވެ. އިސްލާމް ދީނުގެ ދަންމަރު އުފުއްލަވައި ދީނަށް ޚިދުމަތް ކުރެއްވުމުގައި އޭނާ ހޭދަކުރެއްވި މި މުއްދަތުގައި ދުވަހަކުވެސް މިފަދަ މަތިވެރި ފުރުސަތެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުވެސް ކުރައްވާފައެއް ނުވެ އެވެ.

މި އަހަރުގެ ބޮޑު އެ މުބާރާތުގެ ފައިނަލް ބުރުގައި ފަނޑިޔާރުކަން ކުރެއްވީ ފަސް ބޭފުޅެކެވެ. އެއީ ސައުދީގެ ދެ ބޭފުޅަކާ، މިސްރު އަދި ނައިޖީރިއާގެ ބޭފުޅެއްގެ އިތުރަށް ދިވެހި ރާއްޖޭގެ އައްޑު އަތޮޅު ހިތަދޫއަށް އުފަން އިލްޔާސެވެ.

އިލްޔާސް ފަނޑިޔާރުކަން ކުރެއްވެވި މުބާރާތުގައި 103 ގައުމެއްގެ ދަރިވަރުން ވާދަކުރި އެވެ. މުބާރާތުގައި ބައިވެރިވާން ބައެއް ގައުމުތަކަށް ދެ ޖާގައެއް ދެއެވެ. އަނެއް ބައި ގައުމުތަކަށް އެއް ޖާގައެކެވެ. މެޖޯރިޓީ މުސްލިމުން ހިމެނޭ ގައުމުތަކަށް ދެ ބައިވެރިއަކަށް ފުރުސަތު ދެއެވެ. މުސްލިމުގެ އާބާދީ މަދު ގައުމުތަކަށް ދެނީ އެއް ފުުރުސަތެވެ.

އެންމެ އަގު ބޮޑު، އެންމެ ޝަރަފުވެރި މުބާރާތް

ކިންކް އަބްދުލްއަޒީޒު ގުރުއާން މުބާރާތަކީ ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފުވެރި ގުރުއާން މުބާރާތެވެ. އަދި އެހެންމެ އެންމެ އަގު ބޮޑު އެއް ގުރުއާން މުބާރާތެވެ. ހަތަރު ލެވަލްއަކަށް ކުރިއަށް ގެންދެވޭ މި މުބާރާތުގެ އެންމެ މަތީ ލެވެލުން އެއްވަނަ ހޯދާ ދަރިވަރަކަށް 270،000 ސައުދީ ރިޔާލް ދެއެވެ. ދެން ހުރި ލެވެލްތަކަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ދެ އެވެ.

މުޅި މުބާރާތުގައި އިސްލާމީ ބޮޑެތި ހުރިހާ ގައުމުތަކެއް ވާދަކުރެއެވެ. އެ ގައުމުތަކުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރުން މުބާރާތުގައި ބައިވެރިވެއެވެ. އެހެންކަމުން މިއީ ހުރިހާ ގޮތަކުންވެސް ދުނިޔޭގައި ބޭއްވޭ އެެންމެ ޝަރަފުވެރި ގުރުއާން މުބާރާތެވެ. މި ބޮޑު މުބާރާތުގައި ދިވެހި ރާއްޖޭގެ އިލްމުވެރިޔަކު ފަނޑިޔާރަކަށް އިންނެވުމަކީ ރާއްޖެއަށް ކުޑަ ކަމެއް ކަމެއް އަދި އާދައިގެ ކަމެއް ނޫނެވެ. މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

އެތައް ތަޖުރިބާތަކެއް ލިބިވަޑައިގެން

ކިންކް އަބްދުލްއަޒީޒު ގުރުއާން މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝަރަފާއެކު އިލްޔާސަށް އާ އެތައް ތަޖުރިބާތަކެއް ލިބިވަޑައިގެެންނެވި އެވެ. ޚާއްސަކޮށް މިފަދަ މުބާރާތްތަކަށް ތައްްޔާރުވުމުގައި ގައުމުތަކުން އިސްކަންދޭންޖެހޭ މުހިންމު އެތައް ކަމެއް އެނގި ވަޑައިގެންނެވި އެވެ. އަދި މިފަދަ މުބާރާތްތައް އިންތިޒާމު ކުރުމުގައި ސައުދީން ކުރާ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެން ތަޖުރިބާ ކުރެއްވި އެވެ.

"މި ނޫނަސް މިފަދަ މުބާރާތެއްގައި، އެހެން ގައުމުތަކުގެ ބޮޑެތި އިލްމުވެރިންނާއެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ އަދި މާ ބޮޑު ތަޖުރިބާއެއް. އަލްޙަމްދުﷲ. ދެންވެސް ބުނެލަން އޮތީ މި ނިއުމަށް ޝުކުރުވެރި ވަމޭ." އިލްޔާސް ވިދާޅުވި އެވެ.

އުންމީދަކީ ބޭރުގެ ރަންވަނަތައް ރާއްޖެެ ހޯދުން

މިއަހަރުގެ މުބާރާތުގައި ބައިވެރިވި 103 ގައުމުގެ ތެރޭގައި ރާއްޖެވެސް ހިމެނުނެވެ. އެއީވެސް އުފަލެކެވެ. ނަމަވެސް ދިވެހިން އަދި ތިބީ މިފަދަ މުބާރާތްތަކުން ރަންވަނަތަކެއް ހޯދަން އެތައް މަސައްކަތްތަކެއް ކުރަންޖެހޭ ހިސާބުގަ އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ދެ ދަރިވަރަކު ބައިވެރިވިއެވެ. ފުރަތަމަ ބުރުން އެއް ދަރިވަރަކު މުބާރާތާ ވަކިވާން ޖެހުނެވެ. ފައިނަލްގައި ގުރުއާން ކިޔެވުމުގެ ފުރުސަތު ލިބުނީ ދިވެހި އެއް ދަރިވަރަކަށެވެ. ނަމަވެސް ރަން ވަނައަކާ ހަމައަށް ދިއުމަށް މިފަހަރު ފުރުސަތެއް ނުލިބުނެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި މި ބޮޑު މުބާރާތަށް ގައުމުތަކުން ވަރަށް ބޮޑަށް ތައްޔާރުވެފައި ވެއެވެ. އޭގެ ބައެއް މިސާލުތައްވެސް އޭނާ ހިއްސާ ކުރެއްވި އެވެ.

"އަޅުގަނޑު ވާހަކަ ދައްކާލިން މިފަހަރުގެ މުބާރާތުގެ ދެވަނަ ކެޓަރީން އެއްވަނަ ހޯދި ނައިޖީރިއާގެ ބޭފުޅަކާ. އެ ބޭފުޅާ ވިދާޅުވީ މުޅި އެ ގައުމުގައި ގައުމީ ފެންވަރުގައި ގުރުއާން ކިޔެވުމުގެ ހަތް މުބާރާތް ބާއްވާ ވާހަކަ. އެ މުބާރާތްތަކުން ވަނަ ހޯދަމުން އެންމެ ފަހުގެ މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަކަށް މި ފުރުސަތު ދެނީ... ބަނގްލަދޭޝް ވެސް އެފަދަ. މާޝާﷲ، ވަރަށް މޮޅު ދަރިވަރެއް އެ ގައުމުން ވެސް ފޮނުވާފައި ވަނީ، އެ ގައުމުގައި ވެސް ވަރަށް ޚާއްސަ މުބާރާތްތަކެއް ހަމަ ސީދާ މި މުބާރާތަށް ކުދިން ހޮވުމަށް ބާއްވާ." އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ބާއްވާލާ ގައުމީ ގުރުއާން މުބާރާތަކުން ވަނަ ހޯދާ ދަރިވަރުން މިފަދަ މުބާރާތްތަކަށް ފޮނުވުމުގެ ބަދަލުގައި އިތުރު މުބާރާތްތައް ބާއްވާ، އިތުުރަށް ތަރައްގީވުމުގެ ފުރުސަތު ހޯދައިދޭން ޖެހެ އެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް، މިފަދަ މުބާރާތްތަކުން.. ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުން ދިވެހި ދަރިވަރުން ރަން ވަނަތައް ހޯދުން. ނަމަވެސް އެއީ ވަރަށް ބުރަ މަސައްކަތެއް. އަޅުގަނޑުމެން އެބަޖެހޭ އެކަން ފަށަން. ވަރުގަދަ މުބާރާތްތައް ބާއްވަން. ކުދިންނަށް ރީތިކޮށް، މަޚުރަޖަށް ގުރުއާން ކިޔަވަން ދަސްކޮށްދޭން." ޝައިޚް ވިދާޅުވި އެވެ.

ދިވެހި ދަރިވަރުންނަކީ ގުރުއާނުގެ "ދެލިގަނޑަށް" ވަރަށް ފަރިތަ ދަރިވަރުންނެވެ. ނަމަވެސް މުބާރާތުގައި ރަންވަނަތަކެއް ނު ހޯދެނީ ތަޖުވީދުގެ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަސްވެފައި ނުވާތީ އެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންނަކީ ގުރުއާން ވަރަށް ބޮޑަށް ހިތުދަސް ދަރިވަރުން. 'ދެލިގަނޑު' ވަރަށް ފަރިތަ. ނަމަވެސް މިފަދަ މުބާރާތްތަކުން ވަނަ ހޯދަން ތަޖުވީދުމަގަށް ގުރުއާން ކިޔަވަން އަދި ދަސްކުރަން ޖެހޭ." އިލްޔާސް ވިދާޅުވިއެވެ.