މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީން އޮފިސަރުންނަށް ހަމަލާދެނީ ވާނުވާ ޖަހާތީ: މުނާޒް

އެކިއެކި ކުށްތަކުގެ ތުހުމަތުގައި ޖަލު ބަންދުކޮށްފައިވާ ގައިދީން ޖަލު ބަލައްޓާ އޮފިސަރުންނަށް ހަމަލާދެނީ ގިނަ އަހަރުތަކެއް ވަންދެން "ވާނުވާ" ގައި ބައިތިއްބާފައި ތިބޭތީ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) ގެ 48 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މުނާޒް ވަނީ ޖަލުގައި ގައިދީންނާ އޮފިސަރުންނާ ދެމެދު ހިގާ ހަމަނުޖެހުތަކަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވާފަ އެވެ.

މުނާޒް ވިދާޅުވީ، ކުށުގެ ވެއްޓަށް އާދަވެފައިވ ބަޔަކު ބެލެހެއްޓުމަކީ ވަރަށް ބޮޑު އަދި އުނދަގޫ ޒިންމާއެއް ކަމަށާއި އެމީހުންގެ ވިސްނުން ހެޔޮ ބަދަލެއްގެ ތެރެއަށް ގެނައުމަށް ކުރާ މަސައްކަތުގައި ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށެވެ.

ބަންދުގައި ތިބޭ މީހުން ޖަލު އޮފިސަރުންނަށް އަނިޔާ ކުރަނީ ޖަލު ބަލަހައްޓާ އޮފިސަރުންގެ ސަބަބުން ނޫންކަމަށް ވެސް މުނާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަންދުގައި ތިބޭ މީހުން އޮފިސަރުންނަށް ހަމަލާދީ އަނިޔާ ކުރަނީ "ވާނުވާ" ގައި ގިނަ އަހަރުތަކަކަށް އެ މީހުން ތިބެން ޖެހުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލު އޮފިސަރުންނަށް ޖިސްމާނީ އަނިޔާދިނުމާއި އެކި ގޯނާތައް ކުރުމުގެ 40 އަށް ވުރެ ގިނަ ހާދިސާ ހަމައެކަނި މާފުށި ޖަލުގައި ވެސް ރެކޯޑް ކުރެވިފައިވެ އެވެ.

"މިއީ ޖަލު އޮފިސަރުންނާ ހަގީގަތުގައި މައްސަލައެއް ޖެހިގެން ގައިދީންނާ ބަންދު މީހުން
ކުރާ ކަންތައްތަކެއް ނޫން، ކަރެކްޝަނަލް އޮފިސަރުން މިއަދު ގަބޫލު ކުރަނީ އެކަން އެހެން އެވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ވާނުވާގަ އަހަރު ދެ އަހަރު ވަންދެން ނުވަތަ އެއަށްވުރެ ވެސް ގިނަދުވަސް ވަންދެން ބޭތިއްބުމާ ގުޅިގެން ކަމަށް." މުނާޒް ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ ވާނުވާއަށް ޖަލު ބަންދުގައި އަހަރުތަކެއް ވަންދެން ބެހެއްޓުމުގެ ސަބަބުން ބަންދުގައި ހުންނަ މީހާ ރުޅިގަނޑު ފިލުވާލަނީ އެމީހުން ތިބޭ ގޮޅީގެ ބޭރުން ފެންނަ މީހުނަށް ކަމަށެވެ. މިހާރު ކަރެކްޝަނުން މަސައްކަތް ކުރަނީ ޖަލުގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ.

އެގޮތުން ކުރަން ފަށައި ނިމިފައިވާ ބައެއް ކަންކަމުގެ މައުލޫމާތު މުނާޒް ވަނީ ހިއްސާ ކުރައްވާފަ އެވެ. ވިދާޅުވީ ގައިދީން އަނބުރާ މުޖްތަމައަށް ދޫކޮށްލާއިރު ވަޒީފާއެއް އަދާ ކުރުމުގެ ގާބިލްކަން އަށަގެންނެވުމުގެ ގޮތުން ފަށާފައިވާ ރިހިބިލޓޭޝަން ޕްރޮގްރާމަތައް މިހާރު ފުޅާ ކޮށްފައިވާ ކަމަށާއި ގައިދީންނަށް ތައުލީމު ދިނުމުގެ މަސައްކަތްވެސް މީހާރު ފުޅާ ކޮށްފައިވާ ކަމަށެވެ.

ގައިދީން 24 ގަޑިއިރު ބަންދުގައި ނުބައިތިއްބުމުގެ ގޮތުން ޖަލުގެ ޔާޑްތަކުގައި ގައިދީން އުޅެވޭނެ ގޮތް ހެދުމުގެ ބޭނުމުގައި ޔާޑްތައް ތަރައްގީކުރަން މިހާރު ފަށައިފައިވާ ކަމަށް ވެސް މުނާޒް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، ގައިދީންނަށް އާއިލީ ބައްދަލުވުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން އާއިލީ ބައްދަލުވުން ދެ ގަޑިއިރަށް އިތުރުކޮށް، ގައިދީން ބަންދު ނުވާނެ ގޮތަކަށް އަމަލުކުރުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ކެންޓީނުން ގައިދީންނަށް ތަކެތި ގަނެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައި ދީފައިވާނެ ކަމަށެވެ.