ހަބަރު

ސައުދީއަށް ދާ ދިވެހިންނަށް ވިސާ ލުއި ކޮށްދޭން މަޝްވަރާކޮށްފި

Sep 27, 2019

ސައުދީ އަރަބިއްޔާއަށް ދާ ދިވެހިންނަށް ވިސާގެ ކަންކަން ލުއި ފަސޭހަކޮށްދިނުމާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސައުދީގެ ހާރިޖީ ވަޒީރު ޑރ. އިބްރާހީމް ބިން އަބްދުލްއަޒީޒް އާލް އައްސާފާއި މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އާއި ސައުދީގެ ހާރިޖީ ވަޒީރު ބައްދަލުވެ، މަޝްވަރާ ކުރައްވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަމުން ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވި ކަމަށާއި އެގޮތުން ރާއްޖޭގެ އުމްރާނީ، އިގްތިސަދީ ތަރައްގީގެ މަޝްރޫއުތަކާއި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރިޔާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ފަރާތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ސައުދީ އަރަބިއްޔާ އާއި ރާއްޖެ ދެމެދު އޮތް ގުޅުމާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަން ފާހަގަކުރެއްވި އެވެ. އަދި ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި، ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ގައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ވެސް ފާހަގަ ކުރެއްވި އެވެ. އަދި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.