އެމްއެންޑީއެފް

ރާއްޖެ މި ދަނީ އަޅުވެތި ކަމަށް: ޝިޔާމް

ރާއްޖެ މިސްރާބު ހިފާފައިވަނީ ހުރިހާ ގޮތަކުން ވެސް އަޅުވެތިކަމާ ދިމާއަށް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޑިއާގެ ޗީފް ހައިޑްރޮގްރާފާ ވައިސް އެޑްމިރަލް ވިނޭ ބަދުވާރުއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަޝްވަރާ ކުރެއްވުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝިޔާމް ވަނީ ރާއްޖޭގެ ސަލާމަތާ، ރައްކާތެރިކަން މިއަށްވުރެ ވަކިން ނުރައްކާތެރި ކަމަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

"ހުރިހާ ގޮތަކުންވެސް އަޅުވެތިކަމާ ދިމާލަށް މިސްރާބު ހިފާފަ ހުރިތަން މި ފެންނަނީ." ޝިޔާމް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މިމަހުގެ 26 ވަނަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން، އިންޑިއާގެ ޗީފް ހައިޑްރޮގްރާފާ ވައިސް އެޑްމިރަލް ވިނޭ ބަދުވާރުއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ޚާއްސަކޮށް ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެންއެންޑީއެފުން ބުނެ އެވެ. ހައިޑްރޮގްރަފީ އަކީ ކަނޑުކަނޑާއި، ފަޅުފަޅާއި ކޯރުފަދަ ތަންތަން ދިރާސާކުރުމުގެ އިލްމެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، އިންޑިއާގެ ޗީފް ހައިޑްރޯގްރަފާ ރިއާ އެޑްމިރަލް ވިނޭ ބަދްވާރު ވަނީ 2016 ވަަނަ އަހަރުވެސް ރާއްޖެ ވަޑައިގެން، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް، އަހުމަދު ޝިޔާމާ ބައްދަލު ކުރައްވާފަ އެވެ.