ވަޒީފާ އިންތިހާއަށް ބޭނުން ވިއަސް ހަގީގަތުގައި ހުރި ވަޒީފާތައް އެނގޭނެ ރަސްމީ ގޮތެއް ނެތެވެ. އަމިއްލަ ބައެއް މީހުން "ވަޒީފާ ދަފުތަރު" އެކި ނަން ނަމުގައި ހަދައިގެން އުޅުނެއް ކަމަކު ދައުލަތުގެ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ވަޒީފާތައް ފަސޭހައިން އެނގޭނެ ނިޒާމެއް މިހާތަނަށް އުފެއްދިފައެއް ނެތެވެ. ކޮންމެ ކަމެއް ފޯނުން ކުރެވެން އޮތް "ފަސޭހަ" ޒަމާނެއްގައި މިފަދަ ގޮތެއް ނެތުމަކީ ބޮޑު ހުސް ކަމެކެވެ. އެހެންވެ މި ސަރުކާރުން މި ވަނީ "ޖޮބް ސެންޓަރެއް" ނުވަތަ ރާއްޖޭގައި ހުރި ވަޒީފާތައް ފަސޭހައިން އެނގޭނެ އަދި ހޯދޭނެ ނިޒާމެއް ގާއިމް ކުރަން މަސައްކަތް ފަށާފަ އެވެ. "ޖޮބް ސެންޓަރު" ނުވަތަ "ޖޮބް ޕޯޓަލް" ގެ ނަމުގައި ތައާރަފު ކުރާ މި ނިޒާމު އާއްމުންނާ ހަމައަށް އަންނަ މަހު އަންނާނެ އެވެ. އާ ނިޒާމާއެކު ވަޒީފާ ހޯދަން ބޭނުންވާ ފަރާތް ތަކަށް އޮތް އުންމީދަކީ ކޮބައި ހެއްޔެވެ؟
"ޖޮބް ސެންޓަރުން އިންޓަނެޓު މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަޒީފާ ހޯދާލެވޭނެ. މި ޕޯޓަލް ގާއިމްވުމަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ ފަރާތް ތަކަށް އޭގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ފަރުކޮޅު ފުށީގައި މިހާރު ކުރިއަށްދާ "ޓޫރިޒަމް ޖޮބް ފެއާ" ހުޅުއްވައި ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.
ޒުވާނުން ވަޒީފާ އަދާ ނުކުރުމުގެ މައްސަލަ ރާއްޖޭގައި އޮތީ އިންތިހާއަށް މަތީގަ އެވެ. މިކަން ވެގެންދަނީ ރާއްޖެއަށް މިހާރު ކުރިމަތިވަމުން އަދި ބޮޑުވަމުން އަންނަ އިޖުތިމާއީ ދެވަނަ "ބައްޔަ" ށެވެ. އެންމެ ފަހުން ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތެއް ލިބިފައި ނުވާ މީހުން ނުވަތަ "އަންއެޕްލްލޮއިމަންޓް" ނިސްބަތް 2006 އަހަރުން 2014 އަށް ބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް ދައްކަ އެވެ.
އެގޮތުން އެ އަދަދު 2006 ގައި 5.5 ޕަސެންޓުގައި ހުރި ނަމަވެސް 2014 ވަނަ އަހަރު އެ އަދަދު ހުރީ 5.2 ޕަސެންޓުގަ އެވެ. ނަމަވެސް މިއީ އަދި ހިތްހަމަ ޖައްސާލައިގެން ތިބެވޭނެ ހިސާބަކަށް ނުވެ އެވެ. ރާއްޖޭގައި ބޯހިމެނި ފަހުން މިހާރު ފަސް އަހަރު ވަނީ އެވެ. އެހެންވެ މި އަދަދަށް ބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެވެ.
އެއް ސަބަބަކީ ކޮންމެ އަހަރަކު ސްކޫލް ނިންމާފައި އެތައް ހާއްސް ކުދިންނެއް ވަޒީފާގެ ބާޒާރުގައި އަތް ފުނާ އަޅަން ނުކުތުމެވެ. އެހެންވެ ހަގީގަތުގައި މިހާރު ރާއްޖޭގެ އާބާދީގައި ވަޒީފާ ނެތް މީހުންގެ އަދަދަކީ ކޮބައިތޯ އާއި ވަޒީފާ ބޭނުން ވަނީ ކޮންކޮން ދާއިރާއަކުން ކަމެއް ސަރުކާރަކަށް ވެސް ނޭނގެ އެވެ. ރަސްމީކޮށް މިކަން އެނގޭނެ ގޮތެއްވެސް ނެތެވެ. ޖޮބް ސެންޓަރެއްގެ ބޭނުން ޖެހޭ ހިސާބަކީ މި އެވެ. މި ހިސާބުތައް ރަސްމީކޮށް އެނގޭނެ ގޮތެއް އެބަ ހޯދަން ޖެހެ އެވެ.
ސަރުކާރަށް އާ ނަމްބަރުތަކެއް ލިބޭނެ
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި "ޖޮބް ޕޯޓަލް" ގެ ސަބަބުން ގިނަ ހިސާބު ތަކެއް ސަރުކާރަށް އެނގިގެންދާނެ އެވެ.
"ޖޮބް ސެންޓަރު މެދުވެރިކޮށް މިހާރު ނޭނގޭ ގިނަ މައުލޫމާތު ހޯދޭނެ. ހަގީގަތަކީ ރަނގަޅު މައުލޫމާތު މިހާރު ސަރުކާރުގައި ވެސް ނެތް! އަޅުގަނޑުމެންގެ އަން - އެމްޕްލޮއިމަންޓް ރޭޓަކީ ކޮބައިކަން ސާފު ކަމާއެކު އެނގޭނެ ޑޭޓާއެއް ނެތް. ނަމަވެސް ޖޮބް ސެންޓަރުން އެނގޭނެ ކޮން ބަޔަކަށް ތޯ ޖޮބަށް ދެވެނީ. ކޮން ކަހަލަ ވަޒީފާއެއް ތޯ ދިވެހިން ބޭނުންވަނީ. އެހެންވީމަ ޓްރެއިން ވެސް ރޭވޭނެ ދިވެހިން ނެރެން،" ފައްޔާޒު ވިދާޅުވި އެވެ.
ތަމްރީނު ބޭނުންވާ މީހުންގެ އަދަދު އެނގޭނެ
މިނިސްޓަރު ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކްއާއެކު ސޮއިކޮށްފައިވާ "އީޑީ" ޕްރޮޖެކްޓުގެ ދަށުން އެކި ސިނާއަތު ތަކަށް ބޭނުންވާ މީހުން ތަމްރީން ކުރެވިގެންދާނެ އެވެ.
"ހާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީން ކުރެވޭނެ. ވަރަށް ބޮޑަށް މީހުން ކަންބޮޑުވޭ ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް ފުރުސަތު ނެތް ވާހަކަ. ހާއްސަކޮށް އިސް މަގާމުތަކުގައި ފުރުސަތު ނެތް ވާހަކަ. ޓޫރިޒަމާއި އިކޮނޮމިކް މިނިސްޓްރީން ވެސް މިދަނީ ދިރާސާ ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
"މިހާތަނަށް އެނގުނީ ސިޔާސަތުތައް ހުރި ގޮތުގެ އިތުރުން ހާއްސަކޮށް މަތީ ފަންތިއާއި މެދު ފަންތި އަށް މީހުން ނެރެން އެބައުޅޭ ކޮންމެވެސް 'ސްކިލް ގެޕެއް' އެ ވަޒީފާތައް ހޯދަން ބޭނުންވާ ދިވެހިންނަށް ނެތް ތަމްރީންތައް ހޯދާ ދެވިފައެއް. އެހެންވީމަ އަޅުގަނޑުންމެންގެ މަސައްކަތްކީ ބޭރުގެ ކޭޝިއޯ ކުޑަކޮށް މަތީ ފަންތި އާއި މެދު ފަންތި އަށް މީހުން ނެރުން."
ސަރުކާރުން އަނެއްކާ ވެސް މި ވަނީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތް ތަކަށް އާ ގޮތް ތަކެއް ހޯދަން އިތުރު މަގެއް ކޮށަން ތައްޔާރު ވަމުންނެވެ. މި ފަހަރު އަންނަނީ "ޖޮބް ސެންޓަރެވެ"-- ނަމަވެސް މި ޖޮބް ސެންޓަރުގެ ނަތީޖާ އެނގޭނީ ފަހުންނެވެ. މިކަމުން ނުކުންނަން ޖެހޭ ނަތީޖާއަކީ ވަޒީފާ ނެތް ދިވެހިންނަށް ވަޒީފާ ޔަގީންވުމެވެ. ވަޒީފާ ލިބުމެވެ.