ހަބަރު

11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފި

ތިން ރަށެއްގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާއި އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ.

އެ މަސައްކަތްތައް ހަވާލު ކުރީ ދެ އަހަރު ދުވަހު ނިންމާ ގޮތަށެވެ. އެ ގޮތުން ތިން ކުންފުންޏަކަށް އެކިއެކި ރަށްރަށުގެ މަސައްކަތް ހަވާލު ކުރެވުނެވެ.

އޭގެ ތެރެއިން ކ. ގުޅީގެ ފެނާއި ނަރުދަމާއާއި، ފ. މަގޫދޫގެ ފެނާއި ނަރުދަމާއާއި، ރ. އިނގުރައިދޫގެ ފެނާއި ނަރުދަމާއާއި، ލ. މާވަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރީ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީނެވެ.

ނ. މަރުދޫގެ ފެނާއި ނަރުދަމާއާއި، ށ. މާއުނގޫދޫގެ ފެނާއި ނަރުދަމާއާއި، ނ. ޅޮހީގެ ފެނާއި ނަރުދަމާއާއި، ނ. ހޮޅުދޫގެ ފެނުގެ ނިޒާމުގެ މަަސައްކަތް ހަވާލު ކުރީ ސްޓެޓިކް ކޮމްޕެނީއަށެވެ. އެއްބަސްވުންތަކުގައި ސްޓެޓިކްގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ޝަހުދެވެ.

ހއ. ފިއްލަދޫގެ ފެނާއި ނަރުދަމާއާއި، ހދ. ފިނޭގެ ފެނާއި ނަރުދަމާއާއި، ހއ. ނަވައިދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ހަވާލު ކުރީ ސާސްއީ ކޮންސްޓްރަކްޝަންސް ކުންފުންޏާއެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރީ ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.

ފެނާއި ނަރުދަމާ ގާއިމު ކުރާ ރަށްރަށް

  • ކ. ގުޅި (27 މިލިއަން ރުފިޔާ)
  • ފ. މަގޫދޫ (31.5 މިލިއަން ރުފިޔާ)
  • ރ. އިނގުރައިދޫ (34 މިލިއަން ރުފިޔާ)
  • ށ. ނަރުދޫ (25.5 މިލިއަން ރުފިޔާ)
  • ށ. މާއުނގޫދޫ (25 މިލިއަން ރުފިޔާ)
  • ނ. ޅޮހި (25 މިލިއަން ރުފިޔާ)
  • ހއ. ފިއްލަދޫ (27.4 މިލިއަން ރުފިޔާ)
  • ހދ. ފިނޭ (21.3 މިލިއަން ރުފިޔާ)

ފެނުގެ ނިޒާމު ގާއިމު ކުރާ ރަށްރަށް

  • ލ. މާވަށް (21 މިލިއަން ރުފިޔާ)
  • ނ. ހޮޅުދޫ (16 މިލިއަން ރުފިޔާ)
  • ހދ. ނާވައިދޫ (15 މިލިއަން ރުފިޔާ)