ރައްޔިތުންގެ މަޖިލިސް

ނަރުދަމާ ނިޒާމު ހައްލުކުރަން ސަރުކާރަށް ގޮވާލަން ފާސްކޮށްފި

ފ. ނިލަންދޫ ނަރުދަމާ ނިޒާމު ހަލާކުވެފައިވާތީ އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސްކޮށްފައިވަނީ 12 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ނިލަންދޫ ނަރުދަމާ ނިޒާމު ހަލާކުވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދެވެ. އެ ގަރާރުގައި ބުނެފައިވަނީ ނިލަންދޫ ނަރުދަމާ ނިޒާމު ހަލާކުވެ އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ.

ރަށު ތެރެއަށް ނަޖިސް ފެންތައް ދައުރުވެ އެކަމުގެ ސަބަބުން ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވެފައިވާތީ އެކަން ވީއެންމެ އަވަހަށް ހައްލުކޮށްދިނުމަށް ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

ގަރާރު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވީ އޮގަސްޓް 31، 2022 ގައެވެ.

ނިލަންދޫގެ ނަރުދަމާ ނިޒާމު ފެއިލްވެފައިވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވުމާއި ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުން ކޮމިޓީން ނިންމީ ގަރާރު ފާސްކުރުމަށެވެ.

ނަރުދަމާ ނިޒާމު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަށް ނިންމައި އެ މަސައްކަތް ކުރާނެ ގޮތުގެ ޓައިމްލައިނެއް ދެމަސް ދުވަހުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން އެކުލަވާލައި އެ ކޮމިޓީއާ ހިއްސާކުރުމަށް މިނިސްޓްރީއަށް އެންގުމަށްވެސް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން ނިލަންދޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ ޔުނިސެފްގެ އެހީއާއެކު 2007 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިޒާމެކެވެ. އެ ނިޒާމަކީ އެކްސްޓެންޑެޑް އޭރިއޭޝަން ޓްރީޓްމަންޓް ނިޒާމަކާއެކު ތައްޔާރުކުރެވިފައިވާ ވެކިއުމް ނަރުދަމާ ނިޒާމެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ނިލަންދޫގައި އެކްސްޓެންޑެޑް އޭރިއޭޝަން ޓްރީޓްމަންޓް ނިޒާމު ގާއިމުކުރުމުގެ ކުރިން ރާއްޖޭގެ އެފަދަ ނިޒާމެއްގެ ބޭނުން ތަޖުރިބާކޮށްފައެއް ނުވެ އެވެ. ނިލަންދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނިންމައި އެ ނިޒާމު ހިންގުމަށް ހަވާލުކުރީ 2009 ވަނަ އަހަރު އެވެ.