ވިޔަފާރި

ސިންގަޕޯ އެއާލައިނާއެކު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ

އެމްއެމްޕީއާރުސީން ސިންގަޕޯ އެއާލައިނާ ގުޅިގެން ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކެމްޕޭނެއް ފަށައިފި އެވެ.

"ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް އެންޑް ހަނީމޫން ޕްރޮމޯޝަން" ގެ ނަމުގައި ފެށި މި ކެމްޕެއިންގެ ސަބަަބުން ކޮރެއާއަށް ރާއްޖެ އިސްތިހާރު ވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ސިންގަޕޯ އެއާލައިން މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހާއްސަ އަގުތަކަކާއި އެ އެއާލައިންގެ ކްރިސް ފްލަޔާ މެމްބަރުންނަށް ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނުގައި ބައިވެރިވާ ފުރަތަމަ 350 ޓޫރިސްޓުންނަށް 40 ޑޮލަރުގެ ވައުޗާއެއް ލިބޭނެ އެވެ. އަދި ސިންގަޕޫރުގެ ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރާންސިޓްކޮށް ރާއްޖެ އަށް އަންނަ ކޮރެއާ ޓޫރިސްޓުންނަށް 20 ޑޮލަރުގެ ވައުޗާއެއް ވެސް މި ޕްރޮމޯޝަނުގެ ދަށުން ލިބޭނެ އެވެ.

30 ނޮވެމްބަރުގައި ފެށޭ މި ޕްރޮމޯޝަން ނިމޭނީ އަންނަ އަހަރުގެ 30 ޖޫން ގަ އެވެ. އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި، މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނީ ރާއްޖެ އަންނަން ސިންގަޕޯ އެއާލައިންސްގެ ދެކޮޅު ޓިކެޓު އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެމްއެމްޕީއާރްސީގެ ވެބްސައިޓް މެދުވެރިކޮށް ބުކްކޮށްގެނެވެ.

ސިންގަޕޯ އެއާލައިނުން މިހާރު ވެސް އަންނަނީ އެމްއެމްޕީއާރުސީއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ހަ ގައުމެއްގައި ކެމްޕޭންތައް ހިންގަމުންނެވެ. މީގެ ތެރޭގައި ޗައިނާ، ޖަޕާން، އެމެރިކާ، ދެކުނު ކޮރެއާ އަދި ސިންގަޕޫރު ހިމެނެ އެވެ.