ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެކަމާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅަން ނިންމައިފި އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށައަޅަން ނިންމެވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އެންމެ އަވަހަށް އޮންނަ ދުވަހަކަށް ކުއްލި މައްސަލަ ހުށައަޅާނެކަމަށެވެ.
ނަޝީދު ވިދާޅުވީ އިސްލާމްދީނަށް ޖޯކު ޖަހާ ފުރައްސާރަ ކުރުން ހުއްޓުވަން ޖެހޭކަމަށާ އެކަން ހުއްޓުވާނެ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
އެމްޑީއެންގެ ރިޕޯޓް މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ކުށްވެރިކުރައްވާފައެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވެސް ހިމެނެ އެވެ.
އެ މެންބަރުން ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް އެ ރިޕޯޓްގެ މައްސަލަ ބެލުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލާފައެވެ. އަދި ބައެއް މެންބަރުން ވަނީ އެމްޑީއެން އުވާލުމަށްވެސް ގޮވާލާފައެވެ.